03 Jun 2013, 11:07
ޑިފެންސް މިނިސްޓަރު (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ދަޢުވަތަކަށް ރާއްޖެ ވަޑައިގެންނެވި، ތައިލެންޑްގެ ޑިފެންސް މިނިސްޓަރު މާޝަލް ސްކުމްޕޮލް ސުވަނަޓަޓް ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ފުރާވަޑައިގެންފި އެވެ.
ތައިލެންޑްގެ މިނިސްޓަރަށް އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓުން އަލްވަދާއު ދެންނެވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު މުޙައްމަދުގެ އިތުރުން ޓްރޭނިންގ އެންޑް ޑޮކްޓަރީން ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޝަމާލު ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ރާއްޖެ އަށް ކުރެއްވި މިދަތުރުފުޅުގައި މާލެއަށް ވަޑައިގަތުމުން ޖުމްހޫރީ މައިދާނުން އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފަ އެވެ. އަދި ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ވަނީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ އަރިހަށް ހުކުރު ދުވަހު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވައިފަ އެވެ.