ދުނިޔޭގައި މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެއް ހިމެނޭ ގޮތަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރަން އާ މާސްޓަޕްލޭނެއް އެކުލަވާލައިފި އެވެ.

"ސަން"އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒު ވިދާޅުވީ އާ މާސްޓަ ޕްލޭން އެކުލަވާލާފައި ވަނީ ސަރުކާރުން ކަނޑައެޅި ކޮމިޓީއަކުން ކަމަށެވެ.

"މި މާސްޓާ ޕްލޭން އެކުލަވާލަވާލާފައި ވަނީ އެމްއޭސީއެލް އިން ކުރިން އިނގިރޭސިވިލާތުގެ ސްކޮޓް ވިލްސަންއާ ހަވާލުކޮށްގެން ހެދި މާސްޓަޕްލޭން އަސްލަކަށް ބަލައިގެން. އޭރު ހެދި މާސްޓާ ޕްލޭންގައި އަންދާޒާކޮށްފައި ހުރި އަދަދުތައް ވަރަށް ބޮޑަށް ދިމާވޭ. ޕެސެންޖަރުން އަންނާނެ އަދަދާއި ޓާމިނަލް ބޮޑުކުރަން ޖެހޭ ގޮތް ވެސް ހިމެނޭ. މި މާސްޓާ ޕްލޭންގެ ދަށުން ކުރު މުއްދަތުގައި ކުރާނެ ކަންތައްތަކާއި ދިގު މުއްދަތުގައި ކުރާނެ ކަންތައްތަކެއް ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. މަހުފޫޒު ވިދާޅުވީ އާ މާސްޓާ ޕްލޭން ތަންފީޒުކުރުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖަރުމަނާއި ކޮރެއާ އަދި ސިންގަޕޫރުގެ ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާ މާސްޓާ ޕްލޭން ތަންޒީޒުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އެއާޕޯޓް ހިންގަން ސަރުކާރުން އަލަށް އުފައްދާފައިވާ ކުންފުނިން. އެންމެ ކައިރި އަވަސް ކަމެއް ގޮތައި ކުރަން އޮންނާނީ އާ ރަންވޭ އެއް ހެދުން،" ޑރ. މަހުފޫޒު ވިދާޅުވި އެވެ. "އެއާޕޯޓުގައި އާ ރަންވޭއެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް."

އޭނާ ވިދާޅުވީ އާ މާސްޓާ ޕްލޭންގެ ދަށުން ހަދާ ރަންވޭ އަށް އެއާބަސް އޭ 380ގެ މަތިންދާ ބޯޓާއި ބޯއިން 787 ޑްރީމް ލައިނާގެ މަތިންދާ ބޯޓު ޖެއްސޭނެ ކަމަށެވެ. އަދި މިހާރު ވެސް އޭ 380ގެ މަތިންދާ ބޯޓު ޖެއްސުމަށް އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"އޭގެ އިތުރުން ޑިޕާޗާ އަދި އެރައިވަލްގެ ބެގެޖް ސްކްރީން ކުރުމުގެ ނިޒާމް ބަދަލުކުރެވޭނެ. އޭރުން ފުރާ ޕެސެންޖަރުން ފުރަތަމަ ދާގޮތަށް ގޮސް ޗެކިންކުރާނީ. އަމިއްލައަށް ބެޖެޓް ސްކްރީން ކުރާކަށް ނުޖެހޭނެ. އަދި އަންނަ ޕެސެންޖަރުންނަށް ވެސް ބެގެޖް ލިބޭނީ ސްކްރީން ކުރެވިގެން. އެއީ ވެސް ވަރަށް ބޮޑަށް ބަދަލެއް. އޭގެ ސަބަބުން ޕެސެންޖަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ޑރ. މަހުފޫޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެގޭޖް ސްކްރީން ކުރުމުގެ ނިޒާމަށް ބަދަލު ގެންނަން އެއާޕޯޓް ޓާމިނަލަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި އިންލޭންޑް ސްކްރީނިން ތައާރަފްކުރުމުން ޕެސެންޖަރުންނަށް ބެޖޭޖް ލިބެން ނަގާ ވަގުތު ވަރަށް އަވަސްވެގެންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"އޭރުން އޮންނާނެ ގްރީން ޗެނަލާއި ރެޑް ޗެނަލެއް ހެދިފައި. ގްރީން ޗެނަލްގެ މީހުންނަށް ދާގޮތަށް ލަގެޖްތައް ގެންދެވޭނެ. އެ ބަދަލު ގެންނަން މޭޖާ ބަދަލުތަކެއް ގެންނަން. މިހާރު ބިއްދޮށުގައި ހުރި ތަނބުތަކާއި ފުރާޅުތަކަށް ބަދަލުގެންނަން ޖެހޭ ވެހިކަލްތައް ދަތުރުކުރަން. އެހެންވެއްޖެ ނަމަ އެއާޕޯޓްގެ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. މަހުފޫޒު ވިދާޅުވީ އެއާޕޯޓްގައި އާ ރަންވޭ ހެދުމުން މިހާރު އޮތް ރަންވޭ ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު އޮތް ރަންވޭ މަރާމާތުކުރަން ހާއްސަ ސާވޭއެއް ކުރަން ފްރާންސްގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސާވޭއަށް ފަހު އެ ފަރާތުން ނިންމާނެ ކިހާ ވަރެއްގެ ރިޕެއާއެއްކަން ކުރަން ޖެހޭނީ. ކުރިން ވެސް ތަންތަން ކޮޅުން ރިޕެއާކުރަމުން އައީ. މި ރަންވޭ ހަދާފައި ވަނީ އޭރު ޖައްސާ ސައިޒްގެ މަތިންދާ ބޯޓަށް ބަލައިގެން. ނަމަވެސް މިހާރު އަންނަ ބޯޓުގެ ސައިޒު ވެސް ބޮޑުވެއްޖެ. އަންނަ އަދަދު ވެސް ބޮޑުވެއްޖެ. އެންމެ ރަންވޭ އެއް އޮތުމުން ޓެކްސީވޭއެއްގެ ގޮތުގައި ވެސް މި ބޭނުންކުރަނީ މި ރަންވޭ،" ޑރ. މަހުފޫޒް ވިދާޅުވި އެވެ.