03 Jun 2013, 10:30
މިދިޔަ ހުކުރު ދުވަހުގެރޭ ރަސްމީ ފާލަން ކައިރީ ޑިއުޓީ ކުރަމުންދަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މިސްބާހު ޢަބްދުﷲ ޕޮލިސް ކޮންސްޓަބަލްގެ މަޤާމުން ޕޮލިސް ކޯޕްރަލްގެ މަޤާމަށް ބަދަލުކޮށް މަޤާމުގެ ކުރިއެރުމާއި އިނާޔަތްދީ އެކަން ހަމަޖެހުނުކަމުގެ ލިޔުން މިސްބާހުގެ އާއިލާއާ ހަވާލުކޮށްފި އެވެ.
މަގާމުގެ ކުރިއެރުމާއި އިނާޔަތް ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ އިއްޔެ އިސްކަންދަރު ބިލްޑިންގްގައި އޮތް އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އެވެ. މިސްބާހަށް މަޤާމުގެ ކުރިއެރުމާއި އިނާޔަތް ހަމަޖެހުނުކަމުގެ ލިޔުމާ ހަވާލުވވެފައި ވަނީ މިސްބާހުގެ ބައްޕަ ޢަބްދުﷲ އާދަމްއެވެ.
މިސްބާހަށް ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ބާރުލިބިގެން އެކުލަވާލާފައިވާ ވަޒީފާއާ ބެހޭ ޤަވާއިދުގެ 95 މާއްދާގެ ދަށުން ލިބިދޭ އިނާޔަތްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކަމަށްޓަކައި ބޭއްވި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި ކޮމިޝަނަރު ރިޔާޒު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަކީ ދިވެހި ޤައުމަށާއި ރައްޔިތުންނާއި ޚިދުމަތްކުރަމުންދާ ވަރަށް މުހިއްމު ޚިދުމަތެއް ކަމަށާއި ފުލުހުންގެ ޑިއުޓީއަކީ ފުރާނަ އަތްމައްޗަށް ލައިގެން އަދާކުރާ ޑިއުޓީއަކަށްވާ އިރު ފުލުހުންނަށް ލިބިދޭން ޖެހޭ އިނާޔަތްތަކާއި އެހީތައް ފުލުހުންގެ ޤާނޫނާއި ޤަވައިދުތަކުގައިވާ ގޮތުގެމަތިން ލިބިދޭނެ ކަމަށް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ މިސްބާހު ޢަބްދުﷲ ފުލުހުންގެ ތެރޭގައި ނެތް ނަމަވެސް އެއާއިލާ އަށް ފުލުހުންގެ އެހީތެރިކަމާއި އެއްބާރުލުން އަބަދު ވެސް ލިބެމުންދާނެ ކަމަށެވެ.
އަދި މިސްބާހުވި ޤުރުބާނީ އަކީ މުޅި ފުލުހުންގެ މުއައްސަސާ އެކަމުގެ އަގު އަބަދުވެސް ވަޒަން ކުރާނެ ޤުރުބާނީއެއް ކަމަށާއި އެހެންކަމުން އެޚިދުމަތުގެ ހަނދާންތައް ފުލުހުން ނައްތައި ނުލާނެކަން ވެސް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ބޮޑުތަކުރުފާނު ރަސްމީ ފާލަންކައިރީ ޑިއުޓީ އަށް ހުރި ވަގުތު ސައިކަލަކުން ޖެހި މިސްބާހު ނިޔާވުމާ ގުޅިގެން އޭނާގެ ގައިގައި ސައިކަލުން ޖެއްސި މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.