03 Jun 2013, 10:20
ފަލަސްތީންގެ ބައިތުލް މަގުދިސް އަހަރީ ބައްދަލުވުމުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފަލަސްތީނަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފަލަސްތީނަށް ކުރައްވާ ރަސްމީދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ފަލަސްތީނަށް ކުރައްވާ އެ ދަތުރުފުޅަކީ ބައިތުލް މަގުދިސްގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެޑައިގަތުމަށް އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި ފަލަސްތީނުގެ ރައީސްގެ އިތުރުން އެ ގައުމުގެ އިސް ބޭފުޅުނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ޓީޗަރުންނާއި ޑޮކްޓަރުން އެ ގައުމުން ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.
ފަލަތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު ރާއްޖެ ވަޑައިގެންފަ އެވެ.