ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދޭނެ ކަމަށާއި އެގޮތުން ޒުވާނުނަށް އެހީތެރިވުމުގެ ގޮތުން ފުރަތަމަ އަހަރުގެ ބަޖެޓުގައި ޒުވާނުނަށް ކަނޑައަޅާ ފައިސާ ފަށާނީ 300 މިލިއަން ރުފިޔާ އިން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

މާލޭ ޖަލާ ޖެހިގެން އޮންނަ ހުސް ބިމުގައި ޕީޕީއެމް ޒުވާނުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޔާމީން ރޭ ވިދާޅުވީ މިއަދުގެ ބަޖެޓުން ވެސް ޒުވާނުނަށް ކަނޑައަޅަފައިވާ އަދަދު ކުޑަވުމުގެ ސަބަބުން ޒުވާނުނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ނުވާ ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގެ ފުރަތަމަ އަހަރު ވެސް ފަށާނީ ޒުވާނުނަށް ހާއްސަ 300 މިލިއަން ރުފިޔާގެ ބަޖެޓަކުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބަޖެޓްގެ ތެރެއިން ފައިސާ ބޭނުންކުރުމުގެ ތަރުތީބު ބަދަލުކޮށްލައިގެން ބަޖެޓަށް އިތުރު ފައިސާ ހޯދުމަކާ ނުލައި، އަޅުގަނޑު މި ދައްނަވަނީ ބޭރުތަންތަނުން ލޯނު ނަގާ ވާހަކަ އެއްވެސް ނޫން. ހަމަ ބަޖެޓުން ފައިސާ ހަރަދުކުރާ ތަރުތީބު ބަދަލުކޮށްގެން އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ކުޑަ މިނުން ފަށާނީ ﷲގެ ރަހުމަތާއެކީ މިހާރުގެ އަދަދު ފަސް ގުނަކޮށްގެން، އޭގެ މާނައަކީ މިހާރުގެ 60 މިލިއަން ރުފިޔާގެ ބަޖެޓް އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެވިއްޔާ ފައްޓާނީ ޒުވާނުންނަށް ޓަކައި 300 މިލިއަން ރުފިޔާއިން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޒުވާނުނަށް ބޭނުންވާ ކުޅިވަރު ސާމާނުތަކާއި ތަފާތު ސާމާނުތައް ހޯދައިދިނުމުގެ ގޮތުން ޕީޕީއެމްގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި 3000 މަތީގެ އާބާދީގެ ރަށްރަށަށް އަމާޒްކޮށްގެން ޒުވާނުނަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ކަމަށާއި އަދި ދެވަނަ އަހަރުގައި 700 އާބާދީތަކަށް އަމާޒްކޮށްގެން ޒުވާނުންނަށް ބޭނުންވާ ސާމާނުތައް ހޯދައިދޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ޒުވާނުންގެ ތަރައްގީއަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަޒިފާއެއް ހޯދުމަށް ކޮންމެ ޒުވާނަކަށް އޯލެވެލްގެ ނަތީޖާ އޮންނަން ނުޖެހޭ ކަމަށާއި އޯލަވެލް ނަތީޖާ ނެތް ޒުވާނުންނަށާއި ރަނގަޅު ނަތީޖާ އޮންނަ ޒުވާނުނަށް ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ލިބިގެންދާނެ ކަމަށެވެ.