03 Jun 2013, 09:20
ރާމަﷲ (ޖޫން 03): ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް، ރައީސް މަޙްމޫދު ޢައްބާސް، ސިޔާސީ ނޫންބޭފުޅަކާ ޙަވާލުކުރައްވައިފި އެވެ.
ފަލަސްތީނުގެ ރަސްމީ ނޫސްއެޖެންސީ "ވަފާ" އާ ޙަވާލާދީ އަލްޖަޒީރާ ބުނާގޮތުގައި ފަލަސްތީނުގެ އައު ސަރުކާރުގެ ބޮޑުވަޒީރެއްގެ ގޮތުން އައު ސަރުކާރު އެކުލަވާލުމުގެ ކަންތައް ޢައްބާސް ޙަވާލުކުރެއްވީ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ ޑރ. ރާމީ ޙަމްދުﷲ އާ އެވެ. ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާބެހޭ ގޮތުން އެގައުމުގެ އެންމެ ބޮޑު ދެ ޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާއަތުން ދައްކަމުން ގެންދިޔަ ވާހަކަތައް ކާމިޔާބު މިސަރުކާރު އެކުލަވާލާނެގޮތަކާ މެދު އެއްބަސްވުމަކަށް އައީ މިދިޔަ މޭ މަހު އެވެ.
ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތައް ހިމެނޭގޮތަށް ކަމަށް ޚަބަރު ލިބެ އެވެ. މިފަދަ ސަރުކާރެއް އެކުލަވާލުމުގެ ބޭނުމަކީ ފަލަސްތީނުގައި ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމާއި އިންތިޚާބުގެ ކަންތައް އިންސާފުވެރިކަމާއި އަމާންކަމާއި އޮމާންކަމާ އެކު ކުރިޔަށް ގެންދެވޭނެ މާޙައުލެއް ޤާއިމް ކުރުމެވެ.
ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތުގެ އިތުރުންފަލަސްތީނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުގެ ކަންތައްތައް ކުރިޔަށްގެންދާ އިންތިޚާބާ ބެހޭ ކޮމިޓީގެ ރައީސްކަން ވެސް ޢައްބާސް ޙަވާލުކުރެއްވީ ރާމީ ހަމްދުﷲ އާ އެވެ. ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ސަލާމް ފައްޔާޒް ވަނީ މިދިޔަ އެޕްރީލް މަހު މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް މިހާތަނަށް އޭނާ ގެންދެވީ ވަގުތީ ބޮޑުވަޒީރެއްގެ ގޮތުން ފަލަސްތީނުގެ އިސްތިއުފާދިން ސަރުކާރު ހިންގަވަމުންނެވެ. (އަލްޖަޒީރާ)