ތެހެރާން (ޖޫން 03): މިމަހު އީރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ރާވަމުން ގެންދިޔަ ޓެރަރިސްޓް ވިއުގައެއް އަތުލައިގަނެވިއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރަމުން އީރާނުގެ ޖާސޫސީކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ އިއްޔެ ހައްޔަރުކުރި ޓެރަރިސްޓް ވިއުގައި ގައި ހިމެނެނީ 12 މީހުން ކަމަށާއި އެވިއުގައިގެ ފަހަތުގައި ވަނީ އިސްރާއީލު ކަމުގަ އެވެ. މި 12 މީހުންގެ އަތުގައި ހަތިޔާރާއި ޖާސޫސުކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރި ކަމަށާއި މިތަކެތި އެމީހުންނަށް ފޯރުކޮށްދީފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" ކަމަށް ވެސް އީރާނުގެ ޖާސޫސީކަންތައްތަކާ ބެހޭ ވުޒާރާ އާ ޙަވާލާދީ އެގައުމުގެ ރަސްމީ ޓީވީ ޚަބަރުދެ އެވެ. އަދި މި 12 މީހުންނަށް ތަމްރީނާއި ފައިސާ ވެސް "މޫސާދު"ން ފޯރުކޮށްދީފައިވާ ކަމަށް އީރާނުގެ ރަސްމީ ޓީވީ ބުނެ އެވެ.

ނަމަވެސް މި 12 މީހުން ހައްޔަރުކުރި ތަނާއި ވަގުތާ އަދި އެމީހުން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައެއްނުވެ އެވެ. އީރާނުގައި ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އީރާނުގެ ރިޔާސީ ރޭހުގައި އަށް ބޭފުޅަކު ވާދަކުރައްވާ އިރު މިހުރިހާ ބޭފުޅުން ވެސް މިހާރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އީރާނަށް ޓެރަރިސްޓް ޙަމަލާތައް ދީ ހަމަނުޖެހުން ހިންގުމަށް އެމެރިކާ އާއި އިސްރާއީލުން މަސައްކަތްކުރާ ކަން އެގައުމުން ކުރިން ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މެރުމަށް ވެސް އެ ދެގައުމުން މަސައްކަތްކުރާ ކަމަށް އީރާން ވަނީ ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)