ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ ޝަރަފުގައި އިސްކަންދަރު ކޮށި އެކެއްގައި މެމޯރިއަލް ވޯލްއެއް ތައްޔާރުކުރުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ މެމޯރިއަލް ވޯލްއެއް ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން އެކަމާއި ބެހޭ މައުލޫމާތް ސާފުކުރުމަށް މިމަހުގެ ހަތަރު ވަނަ ދުވަހުގެ 10:00 އަށް އިސްކަންދަރު ބިލްޑިން އަށް ދިއުމަށް އެދޭ ކަމަށެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެކަމަށް [މެމޯރިއަލް ވޯލްއެއް ތައްޔާރުކުރުމަށް] އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރާ ފަރާތްތަކަށް،" ފުލުހުން ބުންޏެވެ.

ނިޔާވެފައިވާ ފުލުހުންގެ ޝަރަފުގައި މެމޯރިއަލް ވޯލްއެއް ތައްޔާރުކުރުމަށް ނިންމާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ޑިއުޓީގައި އުޅެނިކޮށް ސައިކަލަކުން ޖައްސައި ބ. ހިތާދޫ، ނަސީމީވިލާ، ކޮންސްޓެބަލް މިސްބާހު އަބްދުﷲ 22، ޝަހީދުކޮށްލާފައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ވަނީ ޑިއުޓީގައި އުޅެނިކޮށް ކ. ކާށިދޫ ކެތި، އާދަމް ހަލީމް ގަޔަށް ވަޅި ހަރައި ޝަހީދުކޮށްލާފައިވެއެވެ.