02 Jun 2013, 20:15
ހަތް ސީޒަނަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑްގެ އާޖެންޓީނާ ފޯވަޑް ގޮންޒަލޯ ހިގުއައިން އެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ދާން ބޭނުން ކަމަށް ބުނެފި އެވެ.
އާޖެންޓީނާގެ ރިވަޕްލޭޓުން 2007 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ހުނަރުވެރި ފޯވަޑް ބުނީ އޭނާ ބޭނުންވަނީ އޭނާގެ ބޭނުން ހިފަން ބޭނުން ކުލަބަކަށް ދިއުމަށް ކަމަށެވެ.
"އަހަރެން ބޭނުންވަނީ [ހަގީގަތުގައިވެސް އަހަރެންގެ ބޭނުން ހިފަން] އަހަރެން ގެންދަން ބޭނުންވާ ކުލަބަކަށް ކުޅެން" ރެއާލް މެޑްރިޑަށް އޭނާ ކާމިޔާބު ކޮށްދިން 121 ވަނަ ލަނޑު ކާމިޔާބު ކުރި، އޮސަސޫނާ އަތުން 2-4 ލަނޑުން ރެއާލް މޮޅުވި މެޗަށްފަހު ހިގުއައިން ބުންޏެވެ.
ރެއާލްއަށް ސްޕެނިޝް ލީގު ތިންފަހަރު އަދި ކޮޕަ ޑެލްރޭ އެއްފަހަރު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ތަޖުރިބާ ކާރު ފޯވަޑަށް ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ލިބެނީ މަދު ފަހަރެއްގަ އެވެ.
ހިގުއާއިން ބުނީ ރެއާލް ދޫކޮށް ދިއުމަކީ ވަރަށް ދެރަވާ ކަމެއް ކަމުގައިވީ ނަމަވެސް އޭނާ ރެއާލްގައި ހޭދަކުރަން ޖެހޭ ވަގުތު މިހާރު ހަމަވެއްޖެ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މިހާރު އޭނާ ބޭނުންވަނީ އާ ޗެލެންޖް ތަކަކާ ކުރިމަތިލާން ކަމަށެވެ.
"ރެއާލްގައި އަހަރެން ހޭދަކުރި ހަތް އަހަރު ދުވަހަކީ، އުފަލާ މަޖަލާ އަދި އުނދަގުލާއި ތަފާތު ތަޖުރިބާތައް ކުރި ހަތް އަހަރު. މީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިހާރު އަހަންނަށް ހީވަނީ އަހަރެން އެހެން ކުލަބަކާ ގުޅުނިއްޔާހެން ރަނގަޅު ވާނީ،" ހިގުއައިން ބުންޏެވެ.
ހިގުއާއިން ބުނީ އޭނާ އެ ނިންމުން ނިންމުމަށް އެންމެ ބޮޑަށް އެހީތެރިވެ ދިނީ ކުލަބުގެ ކުޅުންތެރިންނާއި، އަދި ކޯޗު ހޯސޭ މޮރީނިއޯ ކަމަށެވެ. އަދި މެޑްރިޑުން އެންމެ ރަނގަޅަށް ކަންތައް ކޮށްދޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރެއާލް މެޑްރިޑް ދޫކޮށް ހިގުއާއިން ގުޅޭނޭ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވެނީ އިޓަލީގެ ޔުވެންޓާސްއާއި ކަމަށް ރިޕޯޓުތައް ބުނެއެވެ.