ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރާ ސިފައިންގެ މީހާ ކޯޕްރަލް އަޒްލިފް ރަޢުފް ސިފައިންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުންގެ ބަންދުގައި ހުރި އަޒްލިފް ސިފައިންގެއިން ވަކިކުރި ސަބަބެއް ކަމަށް އެމްއެންޑީއެފުން ބުނީ "ސިފައިންގެ އިއްޒަތާއި، ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް ތަކުރާރުކޮށް އަޒްލިފްގެ ފަރާތުން ފެނިފައިވުމާއި، އެކަމުގެ ނޭދެވޭ އަސަރު ސިފައިންގެ ވަޒީފާގައި ތިބި އެހެން މީހުންނަށް ކުރާނެތީ އާއި ސިފައިންގެ މީހެއްގެ ގައިގައި ހުންނަންޖެހޭ މިންވަރަށް އަޚްލާޤީ ފެންވަރު އަފްލިފްގެ ކިބައިގައި ނެތުމުގެ ސަބަބުން" ކަމަށެވެ.

އަފްރާޝީމް މަރާލި މައްސަލާގައި މިދިޔަ އަހަރު ހައްޔަރު ކުރުމަށްފަހު ބަންދުން ވީއްލާފައިވަނިކޮށް، އަޒްލިފް ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 23ގަ އެވެ.

ހ. ހިލްޓަން އަޒްލިފް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ޝަރީއަތުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޓެރަރިޒަމާއި ބިރުދެއްކުމާއި ގޭންގު ކުށްތައް ކުރުމާއި ގޭންގު ހިންގުމާއި އަދި ގޭންގު މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށް ކުރަން ރޭވި ކަމުގެ ތުހުމަތެވެ.