ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ހުއްޓިފައިވާ ކުންފުނިތަކަށާއި ކަރުދާހުގައި ހުރި ކުންފުނިތަކަށް ބޮޑު މުސާރަދީފައި މީހުން އައްޔަން ކުރުން ކަމަށް ޕީޕީމްއެމްގެ ރަނިންމޭޓް ޑރ މުހައްމަދު ޖަމީލް އަހަދުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން ޅ. އަތޮޅަށް ކުރި ދަތުރާއި ބެހޭ ގޮތު މައުލޫމާތު ދިނުމަށްޓަކައި އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ މިއަދުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރިމަތިވެފައި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުރަމުންދާ ކަމަކީ ހުއްޓިފައި ހުރި ކުންފުނިތަކުގެ ބޯޑްތަކަށް ބޮޑު މުސާރަ ދީފައި މީހުން އައްޔަން ކުރުން ކަމަށެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ސަރުކާރަށް ފުއްދައި ނުދެވުނު ނަމަވެސް ބޮޑު މުސާރަދީފައި ހުއްޓިފައިވާ ކުންފުނިތަކަށް މީޙުން އައްޔަން ކުރުމުގެ ކުޅަދާނަކަން ސަރުކާރަށް ލިބިފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެކަން ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ރައްޔިތުން ފާހަނގަ ކުރޭ އެ މީހުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ނުވާއިރުވެސް އެމީހުގެ ސިއްހީ ހިދުމަތް ރަނގަޅު ނުކުރެވޭއިރު ވެސް މިއަދުގެ ސަރުކާރުން ސިޔާސީ މަގާމްތައް އުފެއްދާ ކުޅުދުއްފުށީ ތަރައްގީގެ އުވާލާފައިވާ އަދި މިހާރު ހުއްޓިފައި ހުރި ކުންފުނިތަކާއި ކަރުދާހުގައިވާ ކުންފުނިތަކުގެ ބޯޑްތަކަށް މީހުންއައްޔަން ކޮށްގެން ބޮޑެތި މުސާރަދީގެން މީހުން ގެންގުޅެން ސަރުކާރަށް އެބަ ކުޅަދާނަވޭ. އެކަމަކު އަސާސީ ހިދުމަތެއް ހުއްޓިގެންދާއިރު ސަރުކާރުން އެކަމަކަށް ފަރުވާލެއް ނުބަހައްޓާ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކަންކަން އޮތްގޮތުންނާއި ރާއްޖޭގެ ސިއްހީ ދާއިރާ އާއި އަދި އެހެން ވެސް ދާއިރާތަކުގެ ހާލަތު ހުރި ގޮތުގެ ސަބަބުން ރައްޔިތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތްތަކަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންންނަށްގެ ތަރައްގީއަށްޓަކައި ހިންގާ ކޮންމެ ކަމެއްގައި ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ލެބޭނެ ކަމަށާއި އަދި ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގެ ސިއްހީ ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.