02 Jun 2013, 15:10
މަސްތުވާތަކެތީގެ "ބޮޑެއް" ކަމަށް ތުހުމަތުކޮށް ފުލުހުން ކުރިން ހައްޔަރުކޮށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅައި ދޫކޮށްލި، އާދަމް ނަސީރު ބީލަމުގެ އުސޫލުން މާލެ އިން ވިއްކި ގެއެއްްގެ ބީލަން 11.6 މިލިއަން ރުފިޔާ އަށް ކާމިޔާބުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެގެއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މީހަކު ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން އެ ބޭންކުން ނީލަން ކިޔާފައިވާ ގެއެކެވެ. އެ ބޭންކުން ހ. ކަނބުރުވިލާ ވިއްކާލުމަށް ހުޅުވާލި ބީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅައިގެން އެގޭގެ ބީލަން ކާމިޔާބުކޮށްފައި ވަނީ ހ. ރީނދޫގޭ އާދަމް ނަސީރެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހ. ކަނބުރުވިލާގެ ބީލަމުގައި ހަތަރު ފަރާތަކުން ވަނީ ބައިވެެރިވެފައިވެ އެވެ.
އާދަމް ނަސީރު އެސްބީއައި އިން ނީލަމުގައި ވިއްކާލާފައިވާ ގެެއެއްގެ ބީލަން ކާމިޔާބުކުރިކަން އޭނާ އަށް އަންގާފައިވާ އިރު އޭނާގެ މައްޗަށް ފުލުހުން ކުރި މަސްތުވާތަކެތީގެ ތުހުމަތުގެ މައްސަލަައަކާ ގުޅިގެން އޭނާގެ ގެއިން ފުލުހުން އަތުލައިގަތް 5.5 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ހުކުމްކުރުމާ ގުޅިގެން އެ ފައިސާ ވަނީ ޢޭނާއާ ހަވާލުކޮށްފަ އެވެ.
އާދަމް ނަސީރު ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ވެސް ނިންމުމާ ގުޅިގެންނެވެ.
އެސްބީއައި އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި އަށް ބުރީގެ ކަނބުރުވިލާއަކީ 848 އަކަފޫޓުގެ ބިމެކެވެ. އެގޭގެ ތިން ބުރީގައި މީހުން ދިރިއުޅެމުން ގެންދާ އިރު އަނެއް ފަސް ބުރި ހުރީ ކޮންކްރީންޓްގެ މަސައްކަތާ ހަމައިން މަަސައްކަތް ހުއްޓިފަ އެވެ.
ސްޓޭޓް ބޭންކް އިންޑިއާގެ އޮފިޝަލަކު މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަނބުރުވިލާ ނީލަން ކިއުމަށް އެ ބޭންކުން ހުޅުވާލި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި ބީލަން ކާމިޔާބު ކުރި ފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބީލަން ކާމިޔާބު ކުރި ފަރާތުގެ ނަމެއް އޮފިޝަލް ވިދާޅެެއް ނުވެ އެވެ.
އެސްބީއައިގެ އިޢުލާންގައިވާ ގޮތުން އެ ބީލަން ކާމިޔާބުކުރާ ފަރާތުން ބީލަމަށް ހުށަހެޅި އަގު 45 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ބީލަން ބާތިލުވާނެ އެވެ.
އެސްބީއައި އިން މީހަކު ނަގާފައިވާ ލޯނެއް ނުދެއްކުމާ ގުޅިގެން މި އަހަރުގެ އެޕްރީލް މަހާ ހަމައަށް 7.7 މިލިޔަން ވަނީ އަރައިފަ އެވެ. އެގެ ވިއްކާލުމުގެ އަމުރެއް އެ ބޭންކަށް ކޯޓުން ދީފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.