މާލޭގައި ޓެކްސީކުރުމުގެ ހުއްދަ ވަކި އަދަދެއް ނެތި ދޭން ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހުޅުވާލައިފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އަލަށް ޓެކްސީ ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އެކަމަކު މި ހުއްދަ ދެވޭނީ މިހާރު އެތެރެކޮށްފައިވާ ވެހިކަލްތަކަށް އެކަނި. މިހާރު އެތެރެކޮށްފައިވާ ކާރުތައް ޓެކްސީކުރަން އެދުމުން އެ ހުއްދަ ދެވޭނެ. ނަމަވެސް އަލަށް އެތެރެކުރާ ކާރުތަކަށް އެ ހުއްދައެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ޓެކްސީ ކުރުމަށް ހުއްދަ އެދުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލީ، މާލޭގައި ޓެކްސީ ނުލިބިގެން އާއްމުނަށް ބޮޑެތި ދަތިތަކާ ދިމާވާތީ އެ އޮތޯރިޓީއަށް ޝަކުވާ ލިބެމުން އަންނާތީ ކަމަށެވެ.

"މިގޮތަށް ހުޅުވާލުމުން މިހާރަށް ވުރެ އިތުރު ކާރުތަކެއް ޓެކްސީގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ. އެކަމަށް އެދި ހުށަހެޅުމަށް ވަކި މުއްދަތެއް ނެތް. ކޮންމެ އިރަކު ހުށަހެޅި ނަމަވެސް އަޅުގަނޑުމެން ހުއްދަ ދޭނަން،" އޭނާ ވިދާޅުވި އެވެ.

ޓެކްސީގެ ހިދުމަތް ދޭ ސެންޓަރުތަކުން ފޯނު ނުނަގާ މައްސަލަ ބޮޑުވެ، އާއްމުންގެ ޝަކުވާތައް އަބަދުވެސް ލިބެމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މާލޭގައި ޓެކްސީ ކުރާ ކާރުތަކުގެ ބޯޑުތައް ޓެކްސީކުރަން ބޭނުންވާ އެހެން ފަރާތްތަކަށް ބޮޑު އަގުގައި ވިއްކާ މައްސަލަ ފެންމަތިވެފައިވެ އެވެ. ނަމަވެސް އެކަމާ މެދު އެ އޮތޯރިޓީއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ 650 ކާރަކަށް ދީފައި އޮތް ނަމަވެސް އޭގެ ތެރެއިން ގަވައިދުން ހިދުމަތް ދެނީ 50-60 ދެމެދުގެ ޓެކްސީ ކަމަށެވެ.