މާލޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެކްސިޑެންޓްވެ މީހަކު މަރުވި ހާދިސާގެ އެކްސިޑެންޓްގައި އިތުރު ސައިކަލެއް ހިމެނޭ ކަމަށާއި އަދި އެ މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ އެކްސިޑެންޓްގައި މަރުވި ށ. ފުނަދޫ އަސްރަފީގޭ ޝާހީނާ ހަސަން އިން ސައިކަލުގައި އިތުރު ދެ ސައިކަލެއް ޖެހިފައިވާ ކަމަށެވެ.


ކުރިން އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓާ ގުޅިގެން ލިބުނު ސީރިއަސް ގެއްލުމަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އައިސީޔޫގެ ކޯމާއެއްގައި އޮވެ މަރުވި ޝާހީނާ އިން ސައިކަލުގައި ޖެހިފައި ވަނީ ހަމަ އެ އެކްސިޑެންޓްގައި، ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފައިވާ ހ. ހާއިލް ހަސަން އާމިރު 23، ދުއްވި ސައިކަލު ކަމަށް، ބައެއް ފަރާތްތަކުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އެކްސިޑެންޓްގައި ތިން ވަނަ ސައިކަލެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ސަންއެފްއެމް އަށް އެނގިފައިވާ ގޮތުގައި ތިން ވަނަ ސައިކަލް ދުއްވަން އިން މީހާ ވަނީ އަމިއްލަ އަށް އިޢުތިރާފުވެ ފުލުހުންނާ ހަވާލުވެފަ އެވެ.


ފުލުހުން ބުނީ ބޮޑުތަކުރުފާން މަގުން ހަކަތަ ޕެޓްރޯލްޝެޑް ކައިރީގައި ހިނގި އެކްސިޑެންޓް، އެތަނުގައި ހުރި ސީސީޓީވީ ކެމެރާ އަށް އަރާފައިވާ ކަމަށާއި ފުރަތަމަ އެކްސިޑެންޓް ވެފައި ވަނީ އާމިރުގެ ސައިކަލު ކަމަށެވެ. އަދި ހަމަ އެ ވަގުތު އާމިރުގެ ސައިކަލު ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި އައި އިތުރު ސައިކަލެއް ޝާހީނާ އިން ސައިކަލުގައި ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސީސީޓީވީ ކެމެރާއަށް ރެކޯޑް ވެފައިވާ މަންޒަރު އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.


އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރީ ކާކުކަމެއް ފުލުހުން އަދި ހާމަ އެއްނުކުރެ އެވެ.


އެ އެކްސިޑެންޓްގައި މަރުވި ޝާހީނާގެ ކަނދުރާއަށް ތޫނު އެއްޗެއް ހެރި، ސިކުނޑިއަށް ލޭއަރައި އިތުރު އަނިޔާތައް ވަނީ ލިބިފަ އެވެ. އަދި އިންޑިޔާގައި ފަރުވާ ދެމުން އަންނަ އާމިރުގެ ނިތްކުރީގެ ކަށިގަނޑު ބިނދި، ސިކުނޑިއަށް ލޭއަރައި އިތުރު އަނިޔާތަކެއް އޭނާ އަށް ވެސް ވަނީ ލިބިފަ އެވެ.