14:30


މާލޭގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 18 އަހަރުން ދަށުގެ ތިން ކުޑަ ކުދިންނާއެކު 20 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ތެރޭގައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ރޭ ވެސް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ގްރޫޕްތައް ހަދައިގެން ތިބޭ މީހުންނާއި ސުވާލުކޮށް މާރާމާރީ ހިންގުމަށް ބޭނުންކުރެވޭ ފަދަ ބައެއް އެއްޗެއްށާއި އެފަދަ ގްރޫޕްތަކުން އެކިއެކި ސަރަހައްދުގައި އިށީދެ ތިބުމަށް ބޭނުންކުރާ ބައެއް ކަހަލަ އެއްޗެހި ފުލުހުން ނަގާފައިވާނެ ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން ރޭ ވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.


ފަސް އަހަރަށް ޖަލަށްލާފައިހުރި މީހަކު ގޭބަންދަށް ބަދަލުކުރި ޚަބަރު ދިޓީވީން ކިޔައިގެން މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހު ގްރޫޕަކުން ގޮސް ދިޓީވީގެ ތެރެއަށް ވަދެ އެތަނުގެ ބައެއް މުވައްޒަފުންނަށް ބިރުދައްކާ ތަފާތު އިންޒާރުތަން ދިނުމަށް ފަހު ހަވީރުގެ ނޫސްވެރިއަކަށް ހަމަލާދިނުމާ ގުޅިގެން ފުލުހުން މާލެތެރޭގައި ފަށާފައިވާ އޮޕަރޭޝަން އަދި ވެސް ކުރިއަށް ގެންދާނެ ގޮތަށް ހަމަޖެހިފައިވާ ފުލުހުން ބުނެ އެވެ.