02 Jun 2013, 13:53
ކްރިކްޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ފުރަތަމަ ޑިވިޝަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު 59 ލަނޑުން މާލޭ ސްޕޯޓްސް ކާމިޔާބު ކޮށްފި އެވެ.
ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުލަބު ކުޅެން އަރައި 45 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 206 ލަނޑު ހެދި އެވެ. އަދި ވިއްސާރައިގެ ސަބަބުން އިތުރަށް އެ އިނިންގްސް ކުރިއަށް ނުގެންދެވުމުން، ޑީއެލް ތިޔަރީއަށް ބޭސްކޮށް އަންޕަޔަރުން ނިންމީ އޮފް އެފްސީ މޮޅުވުމަށްޓަކައި 45 އޯވަރުގެ ތެރޭގައި 221 ލަނޑު ހެދުމަށެވެ. އެހެން ނަމަވެސް ޖަވާބުގައި ކުޅެން އަރައި އޮފް އެފްސީއަށް 39 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ.
މެޗުގައި މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ 51 ލަނޑު ހެދި ޝަފްރާޒު ޖަލީލާއި، 41 ލަނޑުހެދި ނީޝަމް ނާސިރުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް އުކީ 9 އޯވަރު 32 ލަނޑަށް 5 ވިކެޓް ނެގި އަހްމަދު ނީޝަމް ނާސިރު އެވެ. އޮފު އެފްސީއިން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އަހްމަދު އުމަރާއި އީސާ ސާދަތުއެވެ. އަދި އެ ޓީމުން އެންމެ ރަނގަޅަށް އުކީ 7 އޯވަރުގެ ތެރޭގައި 20 ލަނޑަށް 2 ވިކެޓް ނެގި އީސާ ސާދަތު އާއި 5 އޯވަރުގެ ތެރޭގައި 22 ލަނޑަށް 2 ވިކެޓް ނެގި އަހްމަދު އުމަރު އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހު ހެނދުނު 7:45ގަ އެވެ. ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގައި ބައްދަލު ކުރާނީ އެމްއެސް އެކަޑަމީއާއި ހިންނަވަރު ހިރިޔާއެވެ.