މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެއެވޯޑް އޯގަނައިޒް ކުރާ ހައިރައިޒްގެ ޑިރެކްޓާ މާކެޓިން އިސްމާއިލް ހަމީދު މިއަދު ސަން އަށް ވިދާޅުވީ މި މަމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަށް އެ އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިވީ ނަމަވެސް މިހާރު އެ މުއްދަތު މިމަހުގެ ނިޔަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ބަދަލުކުރީ އެހެން ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބްރޭންޑްތަކުން ޓައިމެއް ބޭނުންވާތީ އަޅުގަނޑުމެން އެކްސްޕެންޑް މިކުރީ މިމަހުގެ ނިޔަލަށް. ނަމަވެސް މިހާރު ވެސް ވަރަށް ގިނަ ބްރޭންތައް ހުރީ ބައިވެރިވެފައި. އޭގެ ތެރޭގައި ސަންތާރާ، އަންތާރާ، އަދާރަން ތަންތަން ފާހަގަކޮށްލެވޭ،" އިސްމާއިލް ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގައި މިފަހަރު ފަސް ކެޓަގަރީ އަކަށް ބާހާލެވިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް އެންޑް ގެސްޓް ހައުސަސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓެކްނޯލޮޖީ އެންޑް ސީއެސްއާރު އެވެ. އެ ފަސް ކެޓަގަރީ 27 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

އެވޯޑަށް ކުރިމަތިމަތިލާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށްދާ ފަރާތްތައް ކަނޑައަޅާނީ އިންޓަނެޓުގެ ޒަރީއާއިން ވޯޓު ދީގެންނާއި އަދި މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ. މިފަހަރުގެ އެވޯޑްތަކަށް އިންޓަނެޓްގެ ޒަރީއާ އިން ދެވޭނީ 40 އިންސަތަ ވޯޓެވެ. އަދި އަނެއް 60 އިންސައްތަ ވޯޓު ދެއްވާނީ އެކަމަށް ކަނޑައަޅާ މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ.

އެއެވޯޑް ބޭއްވުމަށް ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮޅުވެލި އައިލެންޑް ރިސޯޓްގަ އެވެ.