ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން މިއަދު އިހްތިރާމުގެ ޒިޔާރަތްވައި އެމެރިކާއިން ރާއްޖޭގެ އިގްތިސާދީ، ސިޔާސީ ހަމަޖެހުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި،
ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތާއި އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި މިނިވަން، އިންސާފްވެރި އިންތިޙާބެއް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި މި އިންތިހާބު ހިނގާނުހިނގާ ގޮތް ބެލުމަށް ބައިނަލް އަގްވާމީ ފަރާތްތައް ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުން ޤާއިމްކުރުމުގައި، އެމެރިކާއިން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން އަބަދު ވެސް ދެމުދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މިޝެލް ޖޭ ސިސޯން ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތާއެކު، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރައީށްއާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހާއި މިއަހަރުގެ ފެބްރުއަރީ މަހުވެސް ސިސޯން ވަނީ ރައީސްއާ ބައްދަލު ކުރައްވަފަ އެވެ.