އިއްޔެރޭ ފަތިހު ބޮޑުތަކުރުފާނުމަގުން ރަސްމީ ފާލަންކައިރީގައި ޑިއުޓީ ކުރަނިކޮށް ކޮންސްޓެބަލް މިސްބާހު އަބްދުﷲގެ ގައިގައި ސައިކަލުން ޖެއްސި މިހާ އޮތީ ހޮސްޕިޓަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ށ. ފޯކައިދޫ އަރާމުގެ ހަސަން އަފީފު،27، އޮތީ އައިޖީއެމްއެޗްގައި ކަމަށެވެ. އަދި އޭނާއަށް އެ އެކްސިޑެންޓްގައި މާސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ލިބިފައި ހުރި ކުދި ހާނިއްކަތަކަށް ފަރުވާ ދެމުންއަންނަ ކަމަށެވެ. ހަސަން އަފީފްގެ ސައިކަލު ފަހަތުގައި އިން ގދ. ތިނަދޫ ހުސެއިން އަބުދުﷲ ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އައިޖީއެމްއެޗްގު ވޯޑުގައި ބާއްވައިގެން މިވަގުތު ފަރުވާ ދެމުން އަންނަ ހަސަން އަފީފާ ބެހޭ ގޮތުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވީ އޭނަ ސްޓޭބަލް ކަމަށެވެ. ނަމަވެސް ހަސަން އަފީފް މީޑިއާ އަށް މައުލޫމާތު ދޭން ބޭނުންނުވާތީ އޭނަ އަށް ލިބިފައި ހުރި ޒަޚަމްތަކުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޑިއުޓީ ކުރަނިކޮށް ކޮންސްޓެބަލް މިސްބާހު އަބްދުﷲ ނިޔާވީ ފުލުހުން ވީސީޕީ ޖަހައިގެން ސައިކަލްތައް ޗެކުކުރަމުން ދަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެއްސުމުން ލިބުނު އަނިޔާ އާއި ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހެނދުނު އެވެ.

އެ މައްސަލައާ ގުޅިގެން ކޯޓުން ވަނީ ހަސަން އަފީފްގެ ބަންދުގެ މުއްދަތައް 15 ދުވަސް ރޭ ޖަހައިދީފަ އެވެ.