02 Jun 2013, 12:39
ތައިލެންޑާއެކު ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އުފައްދައި، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ.
ތައިލެންޑާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ތައިލެންޑް ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާއެކު އިއްޔެ ރާއްޖެ ވަޑައިގެންނެވި ކޮމާސް މިނިސްޓަރު ބޫސޮން ތެރިޔަޕިރޮމް އެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ތައިލެންޑާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އެ ގައުމުގެ ވިޔަފާރިވެރިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެގޮތަށް ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑްގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ ދޭތެރޭގައި މުދާ އުފުލުމުގެ ކަންތައް ފުޅާކުރެވޭނެ. އަދި އެ ދެ ގައުމުގެ ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އުފައްދަން ވެސް ވަނީ ނިންމާފައި. އެ ކޮމިޓީގައި ކޯ ޗެއާއަކަށް ހުންނަވާނީ އެ ވަގުތަކު ދެ ގައުމުގެ އިކޮނޮމިކް މިނިސްޓަރު،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމަކީ ފްރީ ޓްރޭޑް އެއްބަސްވުމެއް ނޫން ނަމަވެސް އެ ހިސާބަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"މި އެއްބަސްވުމުގައި މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުން. އަދި އެ ގޮތުން އިންވެސްޓްމަންޓް ބޭންކުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭނެ،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތައިލެންޑާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ވިޔަފާރީގެ އެކިއެކި ފެއާތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ތައިލެންޑްގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކޮށްފައިވެ އެވެ. ހުޅުމާލޭގައި ހައުސިން ޔުނިޓް އެޅުމަށް ތައިލެންޑްގެ ރިއަލްއެސްޓޭޓް ކުންފުނިތަކުން އިންވެސްޓްކޮށްފައިވެ އެވެ.