ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ހަތް މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއް ކުރިއަށްއެބަދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.

މެރިކަލްޗާގެ އަސާސީ ކޯސް ފައްޓަވައި ދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވަލޮޕްމެންޓް (އިފާޑް) ގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ މެރިކަލްޗާ ކުރިއެރުވުމަށް ފަސް އަހަރުގެ މަޝްރޫޢުއެއް ކުރިއަށްދާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖެނުއަރީ މަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި މެރިކަލްޗާ ކުރިއެރުވުމަށްޓަކައި މެރިކަލްޗާ އެންޓަޕްރައިޒް ޑިވަލޮޕްމެންޓް އެއްބަސްވުމެއްގައި އަޅުގަނޑުމެން މި ވަނީ އިފާޑް އާއިއެކު ސޮއި ކޮށްފަ. އެއީ ފަސް އަހަރު ދުވަހުގެ މެގާ ޕްރޮޖެކްޓެއް. އެއީ ހަތް މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓަކީ އިފާޑްގެ ހިލޭ އެހީގެ ދަށުން އަޅުގަނޑުމެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި މެރިކަލްޗާ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ބެންކް މެދުވެރިކޮށް ކުޑަ ލޯންއެއްދީގެން އެ ވިޔަފާރި ފެށުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން މެރިކަލްޗާގެ ދާއިރާއިން މީހުން ތަމްރީން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި މެރިކަލްޗާ ކުރިއެރުވުމަށްޓަކައި އެ ދާއިރާއަށް އިންވެސްޓް ކުރާނެ ފަރާތް ތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް ސަރުކާރުން އިންޑި އާއި ތައިލެންޑާއި އަދި އެހެން ބޭރުގެ ގައުމުތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މެރިކަލްޗާ ކުރިއެރުވުމަށްޓަކައި އެ ދާއިރާއިން ފަންނީ ގާބިލްކަން ލިބިފައިވާ މީހުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެށި ވޯކްޝޮޕްގެ ސަބަބުން މެރިކަލްޗާ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.

ޔޫއެންޑީޕީގެ އެހީގެ ދަށުން މިއަދު ފެށި ވޯކްޝޮޕްގައި 19 ފަރާތަކުންބައިވެރިވެ އެވެ. ވޯކްޝްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 11 ދުވަހުގެ މުއްދަތަށެވެ.