02 Jun 2013, 11:13
ޖޭއެސްސީގެ ތިން މެންބަރެއްގެ އަޣުލަބިއްޔަތުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައި ވާތީ އެ ސަސްޕެންޝަން ބާތިލު ކުރުމަށް މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އަހްމަދު ޝަރީފްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށެހެޅުއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު "ސަން" އަށް ވިދާޅުވީ ޖޭއެސްސީއާ ދެކޮޅަށް ހުށަހެޅުއްވި ދައުވާގައި އެދިފައި ވާނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަރީފު ސަސްޕެންޑްކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި ކޮމިޝަންގެ އެ ނިންމުން ބާތިލު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން އޭނާގެ ސަސްޕެންޝަނަށް އަމަލު ކުރުށް ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. ޖޭއެސްސީ އަށް ހުށަހަޅާފައިވާ އިސް ފަނޑިޔާރުގެ މައްސަލައެއްގައި އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު މުހައްމަދު ވިދާޅުވެފައި ވަނީ ޝަރީފްއާ މެދު ފިޔަވަޅު އެޅުމަށް ނިންމީ އޭނާއާ ދެކޮޅަށް ހައި ކޯޓުގެ ހަތް ފަނޑިޔާރު ހުށަހަޅާފައިވާ މައްސަލަ ބަލައި ނިންމުމަށް ފަހު ނޫން ކަމަށެވެ. އިސް ފަނޑިޔާރާ މެދު ފިޔަވަޅު އެޅީ ޖޭއެސްސީން ބަލަމުންދާ މައްސަލަ އެއްގައި ރައްކާތެރިވުމުގެ ފިޔަވަޅެއް ގޮތުން ކަމަށެވެ. އަދި އެ މީހަކު ސަސްޕެންޑް ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވެފައިވެ އެވެ. އަދި ފިޔަވަޅު އެޅުމުގައި މައްސަލަ ހުށަހަޅާފައި ވަނީ ކޮން އިރަކުތޯ އާއި މައްސަލަގައި ކިތައް ބައްދަލުވުން ބާއްވާފައިވޭތޯ ބަލަން ނުޖެހޭ ކަމަށް އާދާމް މުހައްމަދު ވިދާޅުވެފަވެ އެވެ.
ދެ ވަނަ ނުކުތާއެއް އެގޮތުން ފާހަގަކޮށްފައި ވަނީ ޝަރީފް ސަސްޕެންޑް ކުރުމަށް ފާސްކުރި ޖޭއެސްސީގެ ޖަލްސާގެ ކޯރަމް ހަމަ ކޮށްފައި ވަނީ ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަންއާއެކު ކަމަށްވުން ކަމުގައި ހުސްނުއް ސޫއުދު ވިދާޅުވި އެވެ. ފަހުމީ ސީއެސްސީގެ މެންބަރު ކަމުން ވަކި ވެފައިވާ ކަމަށް ކަނޑައަޅައި، އޭނާގެ ބަދަލުގައި އެ މަގާމަށް ސީއެސްސީ އަށް މެންބަރަކު ކުރިމަތިލުމަށް ހުޅުވާލާފައިވާކަން ހުސްނު ސުއޫދު ފާހަގަ ކުރެއްވެވި އެވެ.
ތިން ކަމެއް ގޮތުގައި ސުއޫދު ފާހަގަ ކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުން އަދި ރުހުން ދީފައިނުވާ ބަންޑާރަނައިބު އައިޝަތު ބިޝާމްއާ އެކު ޖަލްސާގެ ކޯރަމް ހަމަ ކޮށްފައިވުމެވެ. ސުއޫދު ވިދާޅުވީ ކެބިނެޓަށް އައްޔަންކުރާ ބޭފުޅުންނަކީ ރައްޔިތުން މަޖިލީހުން ރުހުން ދިނުމުގެ ކުރިން އެބޭފުޅުނަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނީ ނުކުރެވޭނެކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގެން އޮތް ކަމެވެ.
ހަތަރު ވަނަ ނުކުތާއެއްގެ ގޮތުން ސުއޫދު ފާހަގަކޮށްފައި ވަނީ ހުޅުމާލެ ބެންޗްގެ މައްސަލައިގައި ޖޭއެސްސީ އަށް ރައްދުވާ ދައުވާއެއް އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުގެ އިސްގާޒީ ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވާ މައްސަލަ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރުމަށް ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގަ އެވެ. ހަތް މެންބަރުންގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޣުލަބިއްޔަތުން އިސް ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމި އެވެ.