ތައިލެންޑްގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، އާ މިޞްރާބުތަކެއް ހުޅުވިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އިންލަކް ޝިނަވަޓްރާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން، ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން ވެގެންދާނީ، ދެ ގައުމުގެ ރައްޔިތުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ގުޅުމަކަށް ކަމަށެވެ. އަދި އެ ގުޅުމަކީ، ދެ ފަރާތުން ވެސް ޙިއްޞާކުރާ އެއްގޮތް އުޞޫލުތަކަކާއި މަސްލަޙަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ތައިލެންޑްގެ ކުރިއެރުމަށް ބޮޑުވަޒީރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ރައީސް ތަޢުރީފް ކުރެއްވި އެވެ.

ބޮޑުވަޒީރު އިންލަކް ޝިނަވަޓްރާ ދެއްކެވި ވާހަކަފުޅުގައި މިއީ ތައިލެންޑްގެ ބޮޑުވަޒީރަކު ރާއްޖެ އަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، މިދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އާ ދައުރެއް ހުޅުވިގެންދާނެކަމީ، އެކަމަށް ޓަކައި އެކަމަނާ ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރަށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާ އިން، ހާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިން، ތައިލެންޑާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރޮނގުން ދިވެހިރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން، އެކަމަށް ޓަކައި ދިވެހި ސަރުކާރަށް ތަޢުރީފު ކުރެއްވި އެވެ. އަދި މިރޮނގުން ތައިލެންޑް ސަރުކާރުން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.