ޖާމަން ކަޕް ފައިނަލްގައި ވީއެފްބީ ސްޓަޓްގާޓް އަތުން ތިނެއް ދޭކުން މޮޅުވެ އެއް ސީޒަނެއްގައި ޖާމަން ކަޕާއި، ޗެމްޕިއަންސް ލީގު އަދި ބުންޑެސް ލީގާ ކާމިޔާބު ކުރި ފުރަތަމަ ޓީމަކަށް ބަޔާން މިޔުނިކު ވެއްޖެ އެވެ.

ބާލިންގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ 37 ވަނަ މިނިޓުގައި ބަޔާންއަށް ކުރި ހޯދައިދިނީ އެ ކުލަބަށް ލިބުނު ޕެނަލްޓީއަކުން ތޯމަސް މުލާ އެވެ. އަދި ފަހު ހާފުގެ 71 ވަނަ މިނިޓާއި 80 ވަނަ މިނިޓުގައި ސްޓަޓްގާޓްއަށް މާޓީން ހާނިކް ކާމިޔާބު ކޮށްދިން ދެ ލަނޑުން މެޗުގެ ފޯރި ގަދަ ކޮށްލުމުގެ ކުރިން މެޗުގެ 48 ވަނަ މިނިޓާއި 61 ވަނަ މިނިޓުގައި ބަޔާންގެ މާރިއޯ ގޮމޭޒް ދެ ލަނޑު ކާމިޔާބު ކޮށްދީގެން ބަޔާން އަށް ވަނީ 3-0 ލަނޑުގެ ލީޑެއް ހޯދާދީފަ އެވެ.

ޖާމަން ކަޕާއި، ޗެމްޕިއަންސް ލީގު އަދި ޖާމަން ލީގު ޓައިޓްލް އާއި އެކު ތާރީހީ ތިން ތަށި ކާމިޔާބު ކުރުމުގެ އިތުރުން މި ސީޒަންގައި 91 ޕޮއިންޓުގެ ރެކޯޑު ޓެލީއަކާއެކު ޖާމަން ލީގު ކާމިޔާބު ކުރި ބަޔާންގެ ކޯޗު ޔުޕް ހައެންކަސް، މިމަހުގެ 26 ވަނަ ދުވަހު ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާއާއި ބަޔާން ހަވާލު ކުރާއިރު ގާޑިއޮލާއަށް ބަޔާންގައި ރަނގަޅު ކުރަން ޖެހޭނީ ކޮން ކަމެއް ބާވައޭ ހިތަށް އަރާވަރު ވާނެ އެވެ.

ބަޔާން މިޔުނިކް ވަނީ 1970 ވަނަ އަހަރު ޔޫރަޕިއަން ކަޕް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް ހައެންކަސް އެ ކުލަބާއެކު ހޭދުކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ އެ ކްލަބުގެ ތާރީހުގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބު ކްލަބަށް ހޯދައި ދީފަ އެވެ.