02 Jun 2013, 10:07
ރިޔާސީ އިންތިހާބަކަށް ބޯމަތިވަމުން އަންނައިރު ސިޔާސީ ފަރާތްތަކުން ދަނީ އެކި ވައުދުތައް ވަމުންނެވެ. ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ބުނެ "ފޮނި،" ވައުދުތަކެއް ވަމުންނެވެ. ނަމަވެސް މިއަދު ގައުމު މިއޮތް ހާލަތު އަންގައިދޭން މަސައްކަތް ކުރައްވަނީ ކިތައް ބޭފުޅުންތޯ އެވެ؟
އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕެއިންތައް މެކުހަށް ޖަހާފައިވާ އިރު ސިޔާސީ ފަރާތްތަކުން އެންމެ ގިނައިން ކުރާކަމަކީ ރައްޔިތުން ހިތްރުހޭ ފަދަ ބޮޑެތި ވައުދުތައް ވުމެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދޭނެ ކަމަށް ވައުދުވުމާއި ރާއްޖޭގެ ތިން ސަރަހައްދެއްގައި ހޮސްޕިޓަލްތައް ގާއިމުކޮށްދޭން ބުނުމާއި ކޮންމެ ކުއްޖަކަށް ލެޕޮޓޮޕެއް ދޭނެ ވައުދާއި ރާއްޖެ އިން ތެޔޮ ހޯދުން ފަދަ ވައުދުތައް ފާހަގަކޮށްލެވެ އެވެ. އަދި މީގެ އިތުރުން ހިތަށް ނުގެނެވޭ ފަދަ ބޮޑެތި ކަންތައްތަކުގެ ވައުދުތައް ވެސް ހިމެނެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރިޔާސީ ކެންޑިޑޭޓުން ގައުމަށް ދިމާވެފައިވާ ހަގީގީ މައްސަލަތުގެ ވާހަކަ ނުދައްކާ ކަމެވެ.
"އަޅުގަނޑުމެންގެ ހާލަތު އެބަ އެނގެން ޖެހޭ. ހަމަ އެގޮތަށް އެކަންތައްތައް ރައްޔިތުންނަށް އަންގައިދޭން ވެސް އެބަޖެހޭ. ވޯލްޑް ބޭންކުން މިހާރު ބުނާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގައި ރާއްޖޭގެ ދަރަނި އުޅެނީ 80 ޕަސެންޓަށް ވުރެ މަތީގައި. އެހެންވީމާ އެ ހަގީގަތް އެބަ އެނގެން ޖެހޭ. ސިޔާސީ ފަރާތްތަކުން ރައްޔިތުނަށް އެކަންތައްތައް އަންގައިދޭން ޖެހޭ،" އިގްތިސާދީ މާހިރެއްކަމަށްވާ ޑރ. ސިމާދު ސައީދު ވިދާޅުވި އެވެ.
ގައުމަށް އެކަށީގެން ނުވާވަރުގެ ވެރިކަމުގެ ނިޒާމްތަކުގެ ސަބަބުން މި ގައުމަށް ވަނީ ތަރައްގީވުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ވޭތުވެދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތައް ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން ވަނީ 841 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި މިއަހަރުގެ ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގެ ގޮތުގައި 13973.0 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރާއިރު ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ. ކޮންމެ އަހަރަކު ޑެފިސިޓް ބަޖެޓްތަކަކާ ކުރުމަތި ލާން ޖެހޭ ޖެހުމަކީ ގައުމުގެ ތަރައްގީއަށް އެޅޭ ބޮޑު ހުރަހަކަށްވާ އިރު ބަޖެޓް ޑެފެސިޓް ވާންޖެހޭ ސަބަބަބަކީ ދައުލަތުގެ ހަރަދު ބޮޑުވުމެވެ. ނަމަވެސް އެކަންތައްތައް ހައްލުކުރަން އުޅެނީ ސިޔާސީ ކޮން ފަރާތެއްބާ އެވެ؟ ވައުދުތައް ވުމަކުން ނުފުދެ އެވެ. އެ ވައުދުތައް ފުއްދާނެ ގޮތްވެސް ކިޔައިދޭން ޖެހެ އެވެ.
ދެން އޮތީ އެހެން ވާހަކައެކެވެ. މި ގައުމުގެ އިޖުތިމާއީ ފޭރާން ވަނީ ވީދި ހަލާކުވެފަ އެވެ. އެކި އެކި ކުށްތައް ކުރުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޖިނާއީ މައްސަލަތަކަށް ބަލާ އިރު، ކްރިމިނަލް ކޯޓަށް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 537 މައްސަލަ ހުށައަޅާފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުޑަ ކުދިންނާ ގުޅުން ހުރި 321 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި މިދިޔަ އަހަރު ގަސްދުގައި މީހުން މެރުމުގެ 10 ހާދިސާއެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި މި އަހަރު ވެސް ދަނީ މީހުން މެރުމުގެ ތަފާތު ހާދިސާތައް ހިނގަމުންނެވެ. އަދި ބަދުއަހުލާގީ ތަފާތު އެތައް މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ބޮޑެތި ކުށްކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާނުންކަން ފާހަގަކޮށްލަން ޖެހެ އެވެ.
ގައުމު މިހާލަތުގައި އޮތް އިރު، އެ ކަންތައްތައް ނުވަތަ އެ މައްސަލަތަކުގެ ހަގީގީ "ހައްލު" ރައްޔިތުނަށް ބުނެދެނީ ކޮން ސިޔާސީ ޕާޓީއަކުން ހެއްޔެވެ؟ މުޅިން ވެސް ދައްކަނީ "އަމާން އޮމާން" މުޖުތަމައެއް ގެނެސްދޭނެ ކަމުގެ 'ފޮނި" ވާހަކަ އެވެ. ހަގީގީ މައްސަލަތަކުގެ ވާހަކަ އޮންނަނީ ފޮރުވައިފަ އެވެ.
މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް އާއި ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ބަލާ އިރު ރާއްޖޭގައި މާރާމާރީ ހިންގާ ރާއްޖޭގައި ގޭންތައް އުފެދެން މެދުވެރިވާ ސަބަބަކީ ޒުވާނުންނަށް ވަޒީފާ ނުލިބުމެވެ. އަދި އެ ގޭންގްތަކުގެ ފަހަތުގައި ސިޔާސީ ފަރާތްތައް ހިމެނޭ ކަމަށް ބުނެފައިވާ އިރު ގޭންގްތަކުގެ ގިނަ މެމްބަރުން ބުނެފައިވާ ގޮތުގައި ވަޒީފާއެއް ލިބުނު ނަމަވެސް ދިރިއުޅުން ހަމަޖެއްސޭ ފަދަ އާމްދަނީ ގިނަ ވަޒީފާތަކުން ނުލިބެ އެވެ. ގޭންތައް އުފެދުން ނުވަތަ އިޖްތިމާއީ މައްސަލަތައް ދިމާވުމުގެ ފަހަތުގައި އެ ފަދަ ކިތަންމެ ކަމެއް އެކުލެވިގެންވާ އިރު ވެސްް ރަނގަޅު ދިރާސާއެއްކޮށް އެ ފަދަ ކަންކަމުގެ ހައްލު ރައްޔިތުނަށް އަންގައިދޭން ސިޔާސީ ޕާޓީތަކުން މާބޮޑު މަސައްކަތެއް ނުކުރެ އެވެ.
ރާއްޖެއަށް އަށް މިހާރު ދިމާވެފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި އެކަށީގެންވާ ފަދަ ސިއްހީ ހިދުމަތަކެއް ނުލިބުން ހިމެނެ އެވެ. ޑޮކްޓަރުންނަށް ދެއްކުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމާއި އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލައަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖެ އަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުން ނުލިބުމާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އެކަށީގެންވާ ސާމާނު ނުލިބުމެވެ.
އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާއްޖެ އަށް ޑޮކްޓަރުން ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައެއް ނުދެވުމާއި ޑޮކްޓަރުންނަށް ބޭނުންވާ ސަލާމަތްކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އެކަށީގެންވާ ސާމާނުތައް ހޯދުމަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުން ނަމަ ކުރަންޖެހޭ ކަމަކީ ކުރިއަށް އޮތް 10 އަހަރަށް ޕްލޭން ކޮށްގެން ދިވެހިން ތަމްރީނުކުރަން. އެހެން ނުކުރެވިއްޖެ ނަމަ މީގެ 10 އަހަރު ފަހުން އަޅުގަނޑުމެންގެ ހެލްތު ސެކްޓާ މިއަށް ވުރެ ދަތިހާލަށް ވެއްޓިގެންދާނެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން ނެތް އެކަލަ ވާހަކައެއް ދައްކާފައި،" ހަބީބް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ މިހާ ދަތިހާލަތުގައި އޮތްވައި ސިޔާސީ އެކި އެކި ފަރާތްތަކުން ދައްކަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޮޑެތި ހޮސްޕިޓަލްތަކެއް އަޅާ ވާހަކައާއި ރައްޔިތުނަށް ހިލޭ ބޭސް ފަރުވާގެ ހިދުމަތް ދޭނެ ކަމުގެ ވާހަކަ އެވެ. ސިއްހީ ދާއިރާއަށް ދިމާވެފައިވާ ހަގީގީ މައްސަލައިގެ ވާހަކައެއް ނުދައްކަ އެވެ.
މިއީ އެހެން ވާހަކައެކެވެ. ސިޔާސީ ފަރާތަކުން ވެރިކަން ހޯދަނީ އަމިއްލަ ޖީބު ބޮޑުކުރަން ކަމަށް ކިޔާ ވާހަކައަކީ ރައްޔިތުންގެ ތެރޭގައި އިވޭ އަޑެކެވެ. އެފަދަ ތުހުމަތު ނުކުރެވެއެކޭ ބުނެވޭކަށް ނެތެވެ. ފާއިތުވި ދެ ސަރުކާރަށް ބަލާ އިރު، ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ، އޮޑިޓަރު ޖެނެރަލް ނެރެފައިވާ، އެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބަލާ އިރު ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް ވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތަކަށް އިސްކޮށްފައިވާ ކަން އެނގި ހާމަވެ އެވެ. އަދި ހަމަ އެހެންމެ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަން އެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކުން ހާމަވާ އިރު، ސިޔާސީ ވަކި ވަކި ފަރާތްތަކާ މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެހާ ގިނަ އެވެ. ނާޒުކު އިގްތިސާދެއް ލިބިފައިވާ މި ގައުމު ތަރައްގީ ނުވުމުގެ އެއް ސަބަބަކީ އެއީ އެވެ. ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ވާހަކަތައް ދައްކަމުންދާ އިރު ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތަކެއް އެފަރާތަކުން ނުދައްކަ އެވެ.
ކަންބޮޑުވާންޖެހޭ މިނޫން އެތައް ކަމެއް ހުރި އިރު އެކަންތައްތައް އިސްލާހުކޮށްދޭނެ ކަމަށް ސިޔާސީ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ. ރިޔާސީ ކެންޑިޑޭޓުން ފުރަތަމަ ކުރަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ބަލައި ދިރާސާކުރުމަށް ފަހު އެކަންތައް ކޮށްދޭނެ ގޮތުގެ ވާހަކަ ދެއްކުމެވެ. ހަގީގީ މައްސަލަ ފެންނާނީ އަދި މައްސަލައިގެ ހައްލު ފެންނާނީ ވެސް އޭރުންނެވެ.