ރާއްޖޭގެ ރިސޯޓެއްގައި ހިނގި ރަމްޒީ ކާވެންޔެއްގައި މީހަކު ހުތުރު ބަހުން ކިޔާފައިވާ އެއްޗެހިތައް ބަހުން ބަހަށް އިނގިރޭސިއަށް ތަރުޖަމާކޮށްގެން މިނިވަން ނިއުސްގައި ޝާއިރު ކުރުމަކީ ޒިންމާދާރު ނޫހަކުން ކުރާވަރަށް ވުރެ ދަށު ދަރަޖައިގެ އަމަލެއްކަމަށް ދިވެހި ނޫސްވެރިންގެ ގައުމީ ޖަމިއްޔާ (އެމްއެންޖޭއޭ) އިން ބުނެފި އެވެ.


މިއަދު އެ ޖަމިއްޔާ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ކޮންމެ ބަހަކުން ނަމަވެސް ހުތުރު ބަހުން މީޑިއާގައި ލިޔެ ޝާއިއު ކުރުމަކީ ނޫސްވެރިކަމުގެ ފަންނުގެ އަމަލީ މިންގަނޑުން ބޭރުގައިވާ ކަމެއްކަމަށެވެ.


ކުޑަ ކުދިންނާއި ބޮޑެތި މީހުންނާއި އާއިލާތައް ކިޔާ ނޫސްތަކާއި ވެބްސައިޓްތަކުގައި އެކަށީގެންނުވާ ފެންވަރުގެ ދަށު ދަރަޖައިގެ ބަސް ބޭނުން ކުރުމަކީ އެ ޖަމިއްޔާ އިން ކުށްވެރި ކުރާކަމެއް ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މިނިވަންނިއުސްގައި ޝާއިއުކޮށްފައިވާ ތަރުޖަމާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް އެމްއެންޖޭއޭ އިން ބުންޏެވެ.


އެމްއެންޖޭއޭގެ ނޫސް ބަޔާނާ ގުޅޭ ގޮތުން އީމެއިލް މެދުވެރިކޮށް މިނިވަން ނިއުސް އިން ދިން ޖަވާބުގައި ބުނެފައި ވަނީ އެ ނޫސްބަޔާނަކީ މޯލްޑިވިސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން (މަޓީ) އިން ނެރެން ޖެހޭނެ ނޫސްބަޔާނެއް ކަމުގައި އެ ނޫހުން ދެކޭ ކަމަށެވެ. އަދި މަޓީ އާއި އެމްއެންޖޭއޭގެ ވެސް އެންމެ އިސް ފަރާތަކީ ސިމް މުހައްމަދު އިބްރާހިމް ކަމުން އެފަދަ ނޫސްބަޔާނެއް މަޓީން ނެރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް މިނިވަން ނިއުސް އިން ބުންޏެވެ.