02 Jun 2013, 09:35
އަންކަރާ (ޖޫން 02): ތުރުކީގެ އިސްތަންބޫލްގެ "ތަޤްސީމް" މައިދާނުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިޔަށްދާ ވަރުގަދަ ހަމަނުޖެހުންތަކުގައި ފުލުހުން ބާރުގެ ބޭނުންކުރުމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އުރުދުޣާން ވިދާޅުވީ ފުލުހުން ގަވާޢިދާ ޚިލާފަށް ބާރުގެ ބޭނުންކޮށްފައިވޭތޯ ބަލައި ތަޙްޤީޤް ކުރާނެ ކަމުގަ އެވެ. ނަމަވެސް އުރުދުޣާން ވިދާޅުވީ އިސްތަންބޫލްގެ "ތަޤްސީމް" މައިދާނުގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެ ކަމުގަ އެވެ. އިސްތަންބޫލްގެ "ތަޤްސީމް" މައިދާނުގައި ހިންގުމަށް ސަރުކާރުން އިޢްލާންކޮށްފައިވާ ތަރައްގީގެ މަޝްރޫޢުތަކަކާ ދެކޮޅަށް އިޙްތިޖާޖް ކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު އެ ސަޙައްދަށް އެއްވި މީހުން ކުރަމުން ގެންދިޔަ މުޒާހަރާތައް ވަނީ ސަރުކާރާ އިދިކޮޅު ޙަރަކާތްތަކަކަށް ބަދަލުވެ ވެރިރަށް އަންކަރާއަށާއި ތުރުކީގެ ބޮޑެތި ރަށްތަކަށް ވެސް މިޙަރަކާތްތައް ފެތުރިފަ އެވެ.
މުޒާހަރާކުރި މީހުން އޮއްގަލާއި ފުޅިފަދަ ތަކެތިން ޙަމަލާދޭން ފެށުމުން ތުރުކީ ފުލުހުން ވަނީ އެމީހުންނާ ދެކޮޅަށް ކަރުނަ ގޭހާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށް އެމީހުން މައިތިރިކޮށްފަ އެވެ. މިކަމުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިއްޔެ ތުރުކީ ފުލުހުން "ތަޤްސީމް" މައިދާނުން ފޭބުމުން އަނެއްކާ ވެސް ގިނަ އަދަދެއްގެ މީހުން އެމައިދާނަށް ޖަމާވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. އިޙްތިޖާޖްކުރި މީހުން އެކަންކުރީ ސަރުކާރާ ދެކޮޅަށް ކަމަށާއި "ތަޤްސީމް" މައިދާނުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާ ދެކޮޅަށް ނޫންކަމަށް އުރުދުޣާން ވިދާޅުވި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާކުރި މީހުންގެ ޙަޤީޤީ މަޤްސަދަކީ އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ސިޔާސަތުތަކާ ދެކޮޅުހަދާކަން ހާމަކުރުމެވެ.
މިގޮތުން ތުރުކީގައި ބަނގުރަލާ ދެކޮޅަށް ދާދިފަހުން ފާސްކުރި ޤާނޫނަކީ މިއިޙްތިޖާޖްތަކުގެ އަސްލު ކަމަށާއި ގިނަ ބަޔަކު އަޑުއުފުލާފައި ވަނީ މިޤާނޫނާ ދެކޮޅަށް ކަމަށާއި މުޒާހަރާކުރި ގިނަ މީހުންނަކީ ލާދީނީ ވިސްނުމުގެ މީހުން ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)