02 Jun 2013, 09:27
ސިންގަޕޫރު (ޖޫން 02): ޝަންގްރިއްލާގެ ނަމުގައި ސިންގަޕޫރުގައި ކުރިޔަށްދާ ދުނިޔޭގެ އަމްނާބެހޭ ފޯރަމްގައި އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކުރިމަގުގެ ތަސައްވުރު ހާމަކުރައްވައިފި އެވެ.
މިތަސައްވުރު ހާމަކުރައްވަމުން ޗަކް ހޭގްލް ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގައި އެމެރިކާގެ އިތުރު ޢަސްކަރީ ބާރުތައް އޭޝިޔާ ޕެސިފިކް ސަރަހައްދަށް ޖަމާކުރަމުން ގެންދާނެ ކަމަށާއި އެމެރިކާގެ ކަނޑުގެ ބާރުތަކުގެ ބޮޑުބައެއް އެސަރަހައްދުގައި ރުކުރުވާލުމަކީ 2020 އަށް އެމެރިކާ ރާވާފައިވާ ޢަސްކަރީ ތަސައްވުރުގެ ބައެއް ކަމުގަ އެވެ. އެމެރިކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާ އެކު ދިފާޢީ ބަޖެޓް ކުޑަކުރެވިފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން ހޭގްލް ވިދާޅުވީ ޕެސިފިކް ސަރަހައްދުގައި ޢަސްކަރީ ތިލަފަތް ހަމަކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށާއި ދިފާޢީ ބަޖެޓް ކުޑަކުރެވިފައި ވީ ނަމަވެސް ގައުމީ ސަލާމަތާގުޅިފައިވާ އަސްކަރީ ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން އެމެރިކާއަށް ލިބިފައިވާކަމުގަ އެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ޒަމާނުއްސުރެ އެމެރިކާ އަދާކުރާ ސްޓްރެޓީޖިކް ޢަސްކަރީ ދައުރާއި ޢަސްކަރީ ތިލަފަތް ހަމަކުރުމުގެ ދައުރު އަދާކުރުމުގެ މާލީ އަދި ފަންނީ ޤާބިލްކަން އެމެރިކާގެ ކިބާގައި އެބަހުރި ކަމަށާ އަދި ކުރިމަގުގައި ވެސް މިޤާބިލްކަން ހުންނާނެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.
"އޭޝިޔާ ޕެސިފިކްގެ ޢަސްކަރީ ތިލަފަތް ހަމަކުރުމުގެ ޤާބިލިއްޔަތު އެމެރިކާގެ ކިބާގައިނެތް ކަމަށް ބެލުމަކީ މޮޔަކަމެއް، ދުނިޔޭގެ ޢަސްކަރީ ހޭދައާއި ޚަރަދުގެ 30 އިންސައްތަ އަދިވެސް ހިއްސާ ކުރަނީ އެމެރިކާ" ހޭގްލް ވިދާޅުވި އެވެ.
ހޭގްލް ވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދަށް އެމެރިކާގެ ޢަސްކަރީ ބާރުތައް ޖަމާކުރުމާއި ބައިނަލްއަޤްވާމީ އަމްނު ޤާއިމް ކުރުމާއި ގުޅުވައިގެން ވެސް ވާހަކަ ދައްކަވާފަ އެވެ. އޭޝިޔާ ޕެސިފިކް ގައި ޒަމާނުއްސުރެ އޮތް ހަމަޖެހުމާއި ސުލްޙަ އެގޮތުގައި ދެމެހެއްޓޭނީ އެ ސަރަހައްދަށް އެމެރިކާގެ އިތުރު ޢަސްކަރީ ބާރުތައް ޖަމާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. މިފޯރަމްގައި އެންމެ ޗައިނާއާއި އެމެރިކާގެ ގިނަ އަދަދެއްގެ ޢަސްކަރީ މަސްއޫލުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުތުރުކޮރެޔާ އިން ނިއުކްލިޔަރ ހަތިޔާރާއި ސްޓްރެޓީޖިކް މިސައިލް ތަރައްޤީ ކުރަމުން ގެންދިޔުމާއި ފަޒާގެ ސަލާމަތާ އަދި ސައިބަރ ސެކިއުރިޓީ ކަމަށްވެސް ހޭގްލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ޝަންގްރިއްލާ ފޯރަމްގައި ވާހަކަ ދައްކަވަމުން،2020 އަށްދާއިރު އެމެރިކާގެ ކަނޑުގެ ބާރުތަކުގެ 60 އިންސައްތަ އޭޝިޔާ ޕެސިފިކް ސަރަހައްދަށް ޖަމާކުރައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ އޭރުގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. މިގޮތަށް ކަންތައް ކުރަންޖެހެނީ ދުނިޔޭގެ އިޤްތިސާދީ ބާރާއި ޢަސްކަރީ ބާރުގެ މައިމަރުކަޒު ހުޅަނގުން އިރުމައްޗަށް ބަދަލުވަމުންދާތީ ކަމަށް ވެސް ޕެނެޓާ ވިދާޅުވެފައިވެ އެވެ.
ޔޫރަޕްގެ ގައުމުތައް އިޤްތިސާދީ ގޮތުން ބަލިކަށިވެ އުފެއްދުންތެރިކަން ދަށްވެ އާބާދީ މުސްކުޅިވަމުންދާއިރު ޒުވާން އާބާދީއެއް ހިމެނޭ އޭޝިޔާ އާއި އޭޝިޔާ ޕެސިފިކްގެ ގައުމުތައް ދަނީ އިޤްތިސާދީ ގޮތުން ހަލުއިކަމާ އެކު ކުރިއަރައި ޢަސްކަރީ ބާރު ވެސް ވަރުގަދަކުރަމުންނެވެ. މިގޮތުން ޔޫރަޕްގެ ގިނަ ގައުމުތައް މާލީ ގޮތުން ބޭންކްރަޕްޓް ވާން ފަށާފައިވާ އިރު އޭޝިޔާގެ ގިނަ ގައުމުތަކެއް ވަނީ އުފެއްދުންތެރިކަމާއި ސިނާޢަތުގެ ތެރެއަށް ވަންނަން ފަށާފަ އެވެ. މީގެތެރޭގައި ދެކުނު ކޮރެޔާ، ޗައިނާ، އިންޑިޔާ، ޓައިވާން، އިންޑޮނީޝިޔާ، މެލޭޝިޔާ އަދި ވިއެޓްނާމް ފަދަ ވަސީލަތްތައްގިނަ އަދި އާބާދީބޮޑު ގައުމުތައް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)