ރޭ ފަތިހު ބޮޑުތަކުރުފާނުމަގުން ރަސްމީ ފާލަންކައިރީގައި ޑިއުޓީ ކުރަނިކޮށް ކޮންސްޓެބަލް މިސްބާހު އަބްދުﷲގެ ގައިގައި ޖެއްސި ށ. ފޯކައިދޫ އަރާމުގެ ހަސަން އަފީފު،27،ގެ ބަންދުގެ މުއްދަތު 15 ދުވަހަށް މިއަދު ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އަފީފުގެ ބަންދުގެ މުއްދަތު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދިނީ ފުލުހުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

މިސްބާހު ނިޔާވީ ފުލުހުން ވީސީޕީ ޖަހައިގެން ސައިކަލްތައް ޗެކުކުރަމުން ދަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެއްސުމުން ލިބުނު އަނިޔާ އާއި ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

ފުލުހުން ބުނީ މިސްބާހު ވިއްސައިގެން ގޮސް ޖެހުނީ 80 ފޫޓު ދުރަށް ކަމަށެވެ. އަދި އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިސްބާހުގެ ޖަނާޒާ މިރޭ އިޝާނަމާދަށް ފަހު ގަލޮޅު ސަހަރާގައި ވަނީ ރަސްމީ އިއްޒަތުގައި ބާއްވައިފަ އެވެ.