ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖެ އަށް އިތުރުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ތައިލެންޑްގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާއާ އެކު މުލީއާގޭގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިހާރު ވެސް ތައިލެންޑްގެ އިންވެސްޓްމެންޓް އެބައޮތް ކަމަށާއި ތައިލެންޑްގެ އިތުރު އިންވެސްޓްމެންޓްތަކަށް ތައްޔާރަށް އޮތް ކަމަށް ބޮޑުވަޒީރަށް ދަންނަވާފައިވާނެ ކަމަށެވެ.

"ތައިލެންޑްގެ އިތުރު އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން އަޅުގަނޑުމެން ތައްޔާރަށް ތިބި ކަމަށް ވެސް [ތައިލެންޑްގެ] ބޮޑުވަޒީރަށް ދެންނެވިން. ޓޫރިޒަމް ސެކްޓާގައި މިހާރު ވެސް ތައި އިންވެސްޓްމެންޓްތައް އެބަހުރި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތައިލެންޑްގެ އިންވެސްޓްމެންޓް ދެގުނަކުރަން އަޅުގަނޑުމެން ގަސްދުކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެކަން ހާސިލު ކުރުމަށް ލިބޭ އެހީތެރިކަމަކަށް، ތައިލެންޑްގެ ބޮޑުވަޒީރުގެ މިދަތުރުފުޅު ވެގެންދާނެ ކަމަށެވެ. ތައިލެންޑްގެ އިންވެސްޓްމެންޓްތައް އެހެން ދާއިރާތަކަށް ފުޅާ ކުރުމާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން އިންވެސްޓްމެންޓް އިތުރުކުރެވޭނެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކާނާ ތައްޔާރުކުރުމާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި އިމާރާތްކުރުމާއި ސިއްހީ ދާއިރާ އެވެ.

ވިސާ ހޯދަން ފަސޭހަކުރުމުގެ އެއްބަސްވުމެއް ގާއިމްކުރުމަށް ޝައުގުވެރިވާކަން ތައިލެންޑްގެ ބޮޑުވަޒީރަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތައިލެންޑްގެ ބޮޑޫވަޒީރު ޔިންލަކް ޝިނަވަޓްރާ ރާއްޖޭން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަދުވަހު އެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރް ވެސް މިހާރު ހުންނެވީ ރާއްޖޭގަ އެވެ.

ތައިލެންޑްގެ ޓްރޭޑް ނެގޯޝިއޭޝަންސް ޑިޕާޓްމެންޓް އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސްރީލަންކާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތައިލެންޑާ އެކު ހަތަރު ވަނަ އަށް އެންމެ ގިނަ ވިޔަފާރި ކުރާ ގައުމެވެ. އަދި ރާއްޖެއަކީ 10 ވަނައަށް އެންމެ ގިނަ ވިޔަފާރިކުރާ ގައުމެވެ.