01 Jun 2013, 22:14
ރޭ ފަތިހު ބޮޑުތަކުރުފާނުމަގުން ރަސްމީ ފާލަންކައިރީގައި ޑިއުޓީ ކުރަނިކޮށް ސައިކަލަކުން ޖެއްސި ހާދިސާގައި ނިޔާވި ފުލުހުންގެ ކޮންސްޓެބަލް މިސްބާހު އަބްދުﷲ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މިސްބާހުގެ ޖަނާޒާ ބޭއްވީ މިރޭ އިޝާނަމާދަށް ފަހު ގަލޮޅު ސަހަރާގައި ރަސްމީ އިއްޒަތުގައި ކަމަށެވެ. އަދި ތިން ބަޑީގެ ސަލާމެއް މިސްބާހަށް އެރުވި ކަމަށާއި އެ ޖަނާޒާގައި ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، ފިޝަރީޒު މިނިސްޓަރު އަހުމަދު ޝަފީއު އާއި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އިތުރުން ބޯކޮށް ވެހެމުން ދިޔަ ވާރޭގައި ފުލުހުންގެ ހުރިހާ ފަންތިއެއްގެ އޮފިސަރުން އެ ޖަނާޒާގައި ބައިވެރިވި ކަމަށެވެ. އަދި މިސްބާހުގެ ރައްޓެހިންނާއި ގިނަ އަދަދެއްގެ އާންމުންގެ އިތުރުން އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގަތް ކަމަށެވެ.
މިސްބާހު ނިޔާވީ ފުލުހުން ވީސީޕީ ޖަހައިގެން ސައިކަލްތައް ޗެކުކުރަމުން ދަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެއްސުމުން ލިބުނު އަނިޔާ އާއި ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.
ފުލުހުން ބުނީ މިސްބާހު ވިއްސައިގެން ގޮސް ޖެހުމުން އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.