01 Jun 2013, 21:28
ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށާއި ކޮންސްޓްރަކްޝަން ދާއިރާ އަށް ތައިލެންޑްގެ ވިޔަފާރިވެރިން ޝައުގުވެރިވެއްޖެ އެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ އެކު މިއަދު ރާއްޖެ އައި ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ފޯ އިކޮނޮމިކް އަބްދުﷲ އަމީން ވިދާޅުވީ ތައިލެންޑްގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ދެމެދު ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުގައި އިތުރު ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ ގޮތުން ދެ ގައުމުގެ ވިޔަފާރިވެރިން މަޝްވަރާކުރި ކަމަށް އަމީން ވިދާޅުވި އެވެ.
"މިއަދު ބޭއްވި ބައްދަލުވުން އެނގިގެންދިޔަ ތައިލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި މެޑިކަލް ދާއިރާ އަދި ޓޫރިޒަމް ދާއިރާއަށް އެ މީހުން ޝައުގުވެރިވާކަން. އެ މީހުން ވަނީ އެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށްފައި. އެކަމަކު ކަނޑައެޅިގެން ވަކި މަޝްރޫއުތަކަށް ޝައުގުވެރިން ފާޅުކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް އަދި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ ތައިލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށާއި ޓޫރިޒަމް ދާއިރާއަށް ވަނުމަށް ޝައުގުވެރިވާ ކަމަށެވެ.
"ކަނޑައެޅިގެން ވަކި މަޝްރޫއުތަކަށް ޝައުގުވެރިވާ ކަމަކަށް ނުބުނޭ. ނަމަވެސް އެ މީހުން ވަރަށް ބޮޑަށް ބޭނުންވޭ ކޮންސްޓްރަކްޝަން ދާއިރާއަށާއި ޓޫރިޒަމް ދާއިރާ އަށް އިންވެސްޓްކުރަން. ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމަކީ ކޮންސްޓްރަކްޝަން ދާއިރާ އަށް ވެސް ކުރެވޭ އިންވެސްޓްމަންޓެއް. އެ މީހުންގެ ތަޖުރިބާ އާއި މާލީ ގާބިލްކަން ވަރަށް މުހިންމު ރާއްޖެއަށް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ތައިލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގެ ހައުސިން މަޝްރޫ އަށް ވެސް ޝައުގުވެރިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކު މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް. ދެ ފަރާތުގެ ދެމެދުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ވަނީ ހިއްސާކޮށްފައި. އަދި އެ މީހުންނާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް އެއީ،" އަބްދުﷲ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ތައިލެންޑްގެ ބައެއް ވިޔަފާރިވެރިން ވަނީ އެ މީހުންގެ ކުންފުނިތަކާއި އުފެއްދުންތަކާ ބެހޭ މައުލޫމާތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ދީފަ އެވެ.
އެތަނުން ދިމާވި ތައި ބައެއް ވިޔަފާރިވެރިން ބުނީ ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ ދެމެދު ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ.
"ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދަކަށް ދަޅުކާނާ އާއި ފޮތި އަދި އެނޫން ވެސް އެކި ބާވަތްތައް އެތެރެކުރޭ. މި ދަތުރުގައި ވެސް އެކި ފަރާތްތަކާ ބައްދަލުކުރަން ވަނީ ހަމަޖެހިފައި. މިއީ ވަރަށް ކާމިޔާބު ދަތުރަކަށްވާނެ ކަމަށް އުއްމީދުކުރެވޭ،" އެތަނުން ދިމާވި ވިޔަފާރިވެރި އަކު ބުންޏެވެ.