ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ތައިލެންޑްގެ ވިޔަފާރިވެރިންނަށް މިއަދު ދީފި އެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާއެކު މިއަދު ރާއްޖެ އައި އެ ގައުމުގެ ވިޔަފާރިވެރިންގެ ވަފުދަށް މައުލޫމާތު ދިނުމަށް ސްޓެލްކޯގައި ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި އެންވަރަންމަންޓް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ހެދުމަށް ހުޅުވާލާފައިވާ ފުރުސަތާ ބެހޭ މައުލޫމާތު ދިނުން އޮތެވެ.

އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައިވާ ގޮތުން 65 ހެކްޓަރުގެ ބިމެއް ހިއްކައިގެން ތިލަފުށީގައި ތަރައްގީކުރަން ހަމަޖެހިފައިވާ ވިޔަފާރި ބަނދަރު ސަރުކާރާ ބައިވެރިވެގެން ތަރައްގީކޮށް ހިންގުމުގެ ރާއްޖެއާއި ބޭރުގެ ކުންފުނިތަކަށް ވަނީ ހުޅުވާލެވިފަ އެވެ. އަދި ހުޅުމާލޭގައި އަލަށް ހިއްކާ ސަރަހައްދުގައި ހޮޓަލަކާއި ހޮސްޕިޓަލް ފަދަ ތަންތަން ގާއިމުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކަރުދާހުގައި ހުޅުލާމާލޭގައި ހެދުމަށް ހަމަޖެފައިވާ މެޑިކަލް ކޮލެޖް ހިންގުމަށް ސަރުކާރާއެކު 25 އަހަރުގެ ކޮންސެޝަން އެގްރިމަންޓެއްގައި ސޮއިކުރަން ޖެހެ އެވެ.

އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި ރާއްޖޭގައި ޓޫރިޒަމް ދާއިރާ ފުޅާވެ ތަރައްގީވަމުން އަންނަ ގޮތާ ބެހޭ ގޮތުން އަލިއަޅުވާލާފައިވެ އެވެ. އަދި ސަރުކާރާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމުގެ ގޮތުން ރާއްޖެއާއި ބޭރުގެ ކުދިން ތަމްރީނުކުރުމުގެ މަރުކަޒެއް ގާއިމުކުރުމުގެ ފުރުސަތު ވެސް ހުޅުވާލެފައިވާ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އެންވަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި ރާއްޖޭގައި އިޔާދުކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިމަނާފައިވެ އެވެ. އަދި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް އޮތް ޑިމާންޑް ބެހޭ މައުލޫމާތު ވެސް އެ ބައްދަލުވުމުގައި ދިނެވެ.