ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ވީބީ އައްޑޫ އެފްސީ އަތުން 3-1 ލަނޑުން މޮޅުވެ ލީގުގެ ގަދަ ހަ ޓީމުގެ ތެރެއަށް ވިކްޓަރީ ސްޕޯޓްސް ކުލަބް ވަދެއްޖެ އެވެ.

މިއަދު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ނެގީ ވިކްޓަރީ އެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކާމިޔާބު ކޮށްދިނީ އާފިއު މުހައްމަދު އެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި ވީބީން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ވީބީއަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބެވެ.

މިއަދުގެ މެޗުގައި ވިކްޓަރީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ނާފިއު އެވެ. އަދި ވިކްޓަރީގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސައިން ނިހާން އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ވީބީން ކުޅުނު މެޗު 3-0 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ވީބީ އެވެ.

ވީބީ އަތުން ވިކްޓަރީއަށް މިއަދު ލިބުނު މޮޅާއެކު ލީގުގެ އެންމެ ގަދަ ހަޓީމުގެ ތެރޭގައި ވިކްޓަރީ އޮތީ 10 ޕޮއިންޓާއެކު ފަސް ވަނަ މަގާމްގަ އެވެ. އަދި ވިކްޓަރީއަށް ވުރެ އެއް ޕޮއިންޓު މަދުން ލިބިގެން ލީގުގެ ހަވަނަ މަގާމްގައި އީގަލްސް އޮތް އިރު މިއަދު ވިކްޓަރީ އަތުން ބަލިވި ވީބީ ވެސް އޮތީ ޕޮއިންޓުގެ ގޮތުން އީގަލްސްއާ ހަމަހަމަ ވެފައެވެ. އެހެން ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ އީގަލްސްއަށެވެ.

ލީގުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއްވެސް ޖުމްލަ ދެ މެޗް ކުޅެފައި ވާއިރު، ލީގުގެ އެންމެ ފުލުގައި ހަތް ޕޮއިންޓާއެކު އޮތީ އޭވައިއެލް އެވެ. ލީގުގެ އެއް ވަނަ މަގާމްގައި 27 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓެވެ. އަދި ދެ ވަނަ މަގާމްގައި 15 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ތިން ވަނަ މަގާމްގައި އޮތީ ވެލެންސިޔާއެވެ. ލީގުގައި ވެލެންސިއާއަށް ވެސް 15 ޕޮއިންޓު ލިބިފައިވާއިރު، ގޯލްގެ ތަފާތުން ކުރި ލިބެނީ މާޒިޔާއަށެވެ. ލީގުގެ ހަތަރު ވަނަ މަގާމްގައި 12 ޕޮއިންޓައެކު އޮތީ ބީޖީއެވެ.

ދިރާގު ދިވެހި ލީގުގައި ކުރިއަށް އޮތް މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިޔާ އެވެ.