01 Jun 2013, 17:14
ބޯޓު ދަތުރު ކުރަން ގޮސް އުޅުނު ދިވެއްސަކު މަރުވުމުން، މަރުގެ ބަދަލަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ވާރިސުންނަށް ދިނުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، އަލުން ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޑެޓްގެ ބޯޓެއްގައި ދަތުރު ކުރަން ގޮސް އުޅެނިކޮށް މއ. ވިޔަނި، އަބްދުލްކަރީމް އިސްމާއިލް މަރުވުމާ ގުޅިގެން، މަރުގެ ބަދަލު ހޯދަން އޭނާގެ އަނބިމީހާ މއ. ވިޔަނި އަޒީޒާ އާދަމް ސިވިލް ކޯޓުގައި އުފުލި ދައުވާއާ ގުޅިގެން މިދިޔަ އަހަރު ކުރި ހުކުމްގައި ބުނެފައި ވަނީ އަބްދުލްކަރީމްގެ މަރުގެ ބަދަލުގެ ގޮތުގައި ވާރިސުންނަށް 7،68،000 ދޭން ޖެހޭނެ ކަމަށެވެ.
ހުކުމް ރައްދުވި މިޑްސީ ޝިޕިންގް ލައިން ޕްރައިވެޓް ލިމިޑެޓުން އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން، އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ އެ ގަޟިއްޔާ އަލުން ބެލުމަށް އެ ކޯޓުން "ތަހްވީލް ކުރަންޖެހޭނެ" ކަމަށެވެ.
އަބްދުލްކަރީމްގެ އަނބިމީހާ ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން މިޑްސީ ޝިޕިންގް ލައިނުން ކޯޓުގައި ބުނެފައި ވަނީ އަބްދުލްކަރީމަކީ ބޯޓު ދަތުރު ކުރުމުގެ މަސައްކަތުގައި އުޅުމަށް އެކަށީގެންވާ ސިއްހަތެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އެގޮތުން އޭނާގެ ގައިގައި ހަތަރު ބައްޔެއް ހުރި ކަމަށާއި އެ ބަލިތައް އޭނާގެ ގައިގައި ހުރި ކަން އެ ކުންފުންޏަށް ސިއްރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ގައިގައި ހުރި ބަލިތަކަކީ ޕޮސްޓީރިއާ ސާކިއުލޭޝަން ސްޓްރޯކް އާއި އައިސެމިކް ހާޓް ޑިޒީސް - އެލްވީ ޑިސްފަންކްޝަނަލް އާއި ޓައިޕް 2 ޑައިބެޓީސް އާއި ސިސްޓަމެޓިކް ހައިޕާ ޓެންޝަން ކަމަށް އެ ކުންފުނިން ބުނާ ކަމަށެވެ.
ކުންފުންޏަށް އޮޅުވާލުމުގެ ގޮތުން އަބްދުލްކަރީމް ވަޒީފާ އަށް އެދި ހުށަހަޅާފައިވާ ލިޔުންތަކުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް "މިސް ރެޕްރެޒެންޓޭޝަން"ތަކެއް ހުށަހަޅާފައިވާ ކަމަށް ދައުވާއަށް ޖަވާބުދާރީ ވަމުން މިޑްސީ ޝިޕިންގް ލައިނުން ބުނެފައިވެ އެވެ. އަދި އެ ކޮންޓްރެކްޓުގެ ދަށުން މަންފާ ލިބިގަތުމުގެ ހައްގު އަބްދުލްކަރީމްގެ ވާރިސުންނަށް ލިބިގެންނުވާ ކަމަށް އަބްދުލްކަރީމްގެ މަސައްކަތް ކުރި ކުންފުނިން ކޯޓުގައި ބުނެފައިވެ އެވެ.
އަބްދުލްކަރީމާއި މިޑްސީ ޝިޕިންގްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށް ބުނި ނަމަވެސް އެކަން ސިވިލް ކޯޓަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި ހެކި ވެސް ހުށަހަޅާފައި ނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
އަބްދުލްކަރީމްގެ ވަޒީފާ ހޯދުމަށް ޓަކައި "މެޑިކަލް އެގްޒެމިނޭޝަން ސެޓްފިކެޓްގައި" ސިއްހީ ހާލަތާ ގުޅޭ ގޮތުން ކަށަވަރުކޮށްދީފައިވާ ކަންތައްތަކަކީ ހަގީގަތާ ހިލާފަށް ހުރި ކަންތައްތަކެއް ކަމަށް މިޑްސީ ޝިޕިންގް ލައިނުން އިސްތިއުނާފުގެ މަރުހަލާގައި ހައި ކޯޓުގައި ވެސް ބުނެފައިވެ އެވެ.
މިޑްސީ ޝިޕިންގް ލައިނުން ބުނެފައި ވަނީ ފެބްރުއަރީ 3، 2009ގައި އަބްދުލްކަރީމް އިންޑިއާގެ ޓުޓިކޮރިންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ތިން ދުވަސް ފަހުން އެ ހޮސްޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާގެ ހަށިގަނޑުގައި ހުރި ބަލިތައް ކުންފުންޏަށް ސިއްރުކޮށްފައިވާ ކަން ސާބިތު ކުރުމަށް ޓަކައި ހޮސްޕިޓަލުން ދޫކުރި ޑިސްޖާޗު ސަމަރީ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ދަށު ކޯޓުން އެ ރިޕޯޓަށް ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލާފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
"ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ އެންމެހައިކަންތައްތައް ބަލައި އެ ލިޔުމާ މެދު ގޮތެއް ކަނޑައެޅުމަކީ ރަނގަޅުގޮތެއް ނޫން ކަމަށާއި އަދި އެކަންތައްތައް ސާފު ކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންތައްތައް ހައި ކޯޓުގެ މިމަރުހަލާގައިކޮށްފި ނަމަ އެކަންކަމާ ގުޅޭ ގޮތުން ނިންމާ ނިންމުމެއްގެ ސަބަބުން އިސްތިއުނާފުގެ މަރުހަލާ ކޮންމެވެސް އެއް ހަސްމަކަށް ގެއްލިދާނެކަން އެނގޭތީގާއި އެކަމަކީ އިސްތިއުނާފީ އުސޫލުތަކާއި ހިލާފުކަމެއް ކަމުގައިވާތީ މި މައްސަލަ ބަލާ ފަނޑިޔާރުންނަށް އިއްތިފާގުވެފައި ވަނީ އެ ގަޟިއްޔާ އަލުން ބެލުމަށް އެ ކޯޓަށް ތަހްވީލް ކުރަންޖެހޭ ކަމަށެވެ،" ހައި ކޯޓުން ނިންމި މައްސަލާގައި ގަޟިއްޔާގައިވެ އެވެ.