މިދިޔަ މަހުގެ 28 ވަނަ ދުވަހު ހޯރަފުށީގައި މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައިވާ އެ ރަށު ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް  މިއަދު އިތުރުކޮށްދީފި އެވެ.


ހުސޭނުބޭގެ މަރުގެ މައްސަލަގައި ހައްޔަރު ކޮށްފައިވަނީ އޭނާ އަށް ބޮޑުބޭބެ ކިޔާ ހޯރަފުށީ ޅޮހީގޭ، މުހައްމަދު ލަތީފާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމާއި ސޯސަން ވިލާ ނުއުމާން އަބްދުﷲ އެވެ.


އެ ތިން މީހުންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހައިދިނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތުގެ މަޖިލީހުގަ އެވެ. ކްރިމިނަލް ކޯޓުން ބުނީ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނީ މައްސަލައާ ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށެވެ.


ކޯޓުން ބުނި ގޮތުގައި ހުސޭނުބޭ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުން މައްސަލައިގެ ތަހުގީގުގައި އިޢުތިރާފު ވެފައިވާކަމަށް ފުލުހުން ބުނިނަމަ ވެސް އޭގެތެރެއިން ދެ މީހަކު ފުލުހުން ދެއްކި ވާހަކަތަކަށް އިންކާރުކޮށްފައިވާ ކަމަށެވެ.


އެއީ އޭގެ ތެރެއިން ކޮން ދެމީހުންނެއް ކަމެއް ކްރިމިނަލް ކޯޓަކުން ނުބުނެ އެވެ.