01 Jun 2013, 16:03
އިޓަލީގެ ފުޓްބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ އިންޓަ މިލާންގެ ހިއްސާގެ ބޮޑު ބައެއް އިންޑޮނޭޝިޔާގެ މަހުޖަނެއް ކަމަށްވާ އެރިކް ތޯހިރުއަށް ވިއްކާލަން އެކުލަބުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.
ކުލަބުގެ ތާރީހުގައިވެސް ވަރަށް ދަށްކޮށް ފުޓްބޯޅަ ސީޒަން ނިންމާލި އަހަރަކަށް މިއަހަރު ވެގެން ދިޔަ އިންޓަ އޮތީ އިޓާލިއަން ލީގުގެ ނުވަ ވަނައިގައެވެ. އެ ކުލަބުގެ ޕްރެޒިޑެންޓް މަސިމޯ މޮރާޓީ މިހާރު ވަނީ އިންޑޮނޭޝިޔާގެ ވިޔަފާރި މަހުޖަނު ޓެޑީ ތޯހިރުގެ ފިރިހެން ދަރިފުޅު އެރިކް ތޯހިރުއާއި ކުލަބުގެ ހިއްސާ ވިއްކާލުމާ ބެހޭގޮތުން މަޝްވަރާތައް ބާއްވާފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޓެލެވިޒަން ސްޓޭޝަން އޯ 24 އިން ބުނެފައިވަނީ މިހާރުވެސް އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)ގެ ފިލަޑެލްފިއާ 49އާއި އެމްއެލްއެސްގެ ޑީސީ ޔުނައިޓެޑްގެ ހިއްސާއެއްވެސް އޮންނަ ތޯހިރު ވަނީ، އިންޓަ މިލާންގެ 80 ޕަސެންޓު ހިއްސާ ހޯދުމަށް 364 މިލިޔަން ޑޮލަރު ހުށަހަޅާފައި ކަމަށެވެ.
އިޓަލީގެ ކުޅިވަރު ނޫހެއް ކަމަށްވާ ލަ ގެޒެޓާ ޑެލޯ ސްޕޯޓްސްގެ ކަވަޕޭޖުގައި އިންޓަގެ ޖާޒީއެއް ހިފައިގެން ތޯހިރު ހުންނަ ތަސްވީރެއް ކުރަހާފައި "އިންޑޯ އިންޓަ" އޭގައި ލިޔެފައިވާ ކަމަށްވާ ކަމަށާއި އަދި އިންޓަ މިލާންގެ ހިއްސާގެ ބޮޑުބައެއް ހޯދުމަށް ތޯހިރު ހުށަހަޅާފައިވާ ހުށަހެޅުން މަރޯޓީ ގަބޫލު ކޮށްފައި ނުވާކަމަށް އެ ނޫހުގައި ލިޔެފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން މޮރާޓީ ބޭނުންފުޅުވަނީ ކުލަބުގެ 20-30 ދެމެދުގެ ހިއްސާއެއް ވިއްކާލުމަށްފަހު ކުރިއަށް އޮތް ޓްރާންފާ މާކެޓްގައި ކުލަބަށް ކުޅުންތެރިން ހޯދުން ކަމަށާއި އަދި އޭގެ ސަބަބުން ކުލަބުގެ އާ ސްޓޭޑިއަމް ބިނާ ކުރުމަށްވެސް އެހީތެރިކަމެއް ލިބޭނޭ ކަމަށް މޮރާޓީ ވިދާޅުވެފައިވާ ކަމަށެވެ.
އިންޓަމިލާން އަކީ 2010 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން އެވެ. އަދި އިޓަލީ ޓީމަކުން ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބު ކުރި އިންޓަ މިލާންގެ އަމިއްލަ ދަނޑެއްގެ ގޮތުގައި އޮންނަނީ ވާދަވެރި އޭސީ މިލާނާ އެކު ދެ ކުލަބުން ހިއްސާ ކުރާ 80000 މީހުންގެ ޖާގައިގެ މަޝްހޫރު ސެންސިރޯ ސްޓޭޑިއަމް އެވެ.