01 Jun 2013, 15:40
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މިއަދު އިންކާރު ކޮށްފި އެވެ. ހުމާމު މިއަދު ޝަރީއަތުގައި ބުނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އެއްބަސްވީ ފުލުހުން އޭނާ އަށް މަޖުބޫރު ކުރުމުން ކަމަށެވެ. އަދި މަޖުބޫރުކުރުމުގެ ގޮތުން ކުރިން ހުރި އޭނާގެ މައްސަލަތައް ބަލާނެ ކަމަށް ބުނި ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިންކާރު ކުރި ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އެއްބަސްވެ އެކަމުގެ ތަފްސީލުތައް ޝަރީއަތަށް ކިޔައިދީފަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އެއްބަސް ވުމުން އޭގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިންކާރު ކުރީ ކީއްވެތޯ ގާޒީ އެއްސެވުމުން ހުމާމް ބުނީ އެއީ އާއިލާއަށް އެކަމުން އުނދަގުލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ހުމާމްގެ ހަށިގަނޑުންނާއި އޭނާ ލައިގެން ހުރި ޖީންސުން ޑރ. އަފްރާޝީމްގެ ޑީއެންއޭ ފެނިފައިވާ ކަމަށް އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެށުމާ އެކު ހުމާމް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށާއި ސަބަބަކީ އެއީ އޭނާ ކުރިކަމަކަށް ނުވާތީ ކަމަށެވެ.
"ގާޒީ އަޅުގަނޑުގެ ވަކީލު އެބަ ހުންނެވި. ވަކީލާ އެކު އަޅުގަނޑު މި މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ. އެއީ އަޅުގަނޑު ކުރިކަމަކަށް ނުވާތީ،" ހުމާމް ބުންޏެވެ.
ހުމާމް އެގޮތަށް ބުނުމުން ގާޒީ ވަނީ އޭނާގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން ޝަރީއަތް ކުރާ ކޮޓަރިއަށް ވައްދައިފަ އެވެ.
ހަސީން ވަނީ ހުމާމްގެ ސައިކޮލޮޖިކަލް ޓެސްޓެއް ހެދުމަށް ފަހު ނޫނީ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ޝަރީއަތުގައި އެދިފަ އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ހުމާމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެނައި ބައެއް ފަހަރު ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ހަސީން ވެސް ކޯޓަށް ވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެއިރު ހަސީން އެކަހަލަ ވާހައެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"...މީގެ ކުރިން ވެސް އަދި މުއްދަތު އަޑުއެހުމުގައި ވެސް އެކަހަލަ ވާހަކައެއް ވަކީލު ދައްކާފައެއް ނުވޭ. މީގެކުރިން ހުމާމް އެބަހުރި އަޅުގަނޑު ކައިރީ ބުނެފައި އެއްވެސް މީހަކާ ނުލައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަސް ނެގުން،" ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި "މިޝަންއެއް އޮތް ވާހަކަ" ހުމާމް އޭނާ ގާތު ބުނި ކަމަށެވެ.
އޭނާ ބުނީ "މިޝަންގެ ކަންތައް ހަމަޖެހިއްޖެ" ކަމަށާއި "އުސްފަސްގަނޑު ބައްދަލުކޮށްލާށޭ" ހުމާމް އޭނާ ގާތު ބުނި ކަމަށެވެ.
ހުމާމް އެގޮތަށް ބުނުމުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު އުސްފަސްގަނޑު ސަރަހައްދަށް ދިޔުމުން ހުމާމް އާއި އެ މައްސަލައިގައި ދައުވާ ލިބޭ ހ. ހިކޯސްޓް އަލީ ޝާން އާ ދިމާވި ކަމަށް ވެސް ހެކިބަސް ދެމުން އެ މީހާ ބުންޏެވެ. ދެން އެތަނުން އެ ދެ މީހުންނާ އެއްކޮށް ދިޔައީ ޕެޓުޕާކަށް ކަމަށާއި އެވަގުތު ޝާން އަތުގައި ވަޅިއެއް އޮތްކަމަށް ވެސް ހުމާމް ބުންޏެވެ.
ޕެޓްޕާކުގައި ތިބުމަށް ފަހު ތިން މީހުން އެކީގައި ކުޑަކުދިންގެ ޕާކްކުރިމަތީގައި ހުންނަ ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ދިޔަ ކަމަށާއި ހުމާމް އެގެއަށް ވަތްތާ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ތެރޭގައި "އެމީހާ [ޑރ. އަފްރާޝީމް]،" އެގެއަށް ވަތް ކަމަށް ވެސް ހެކިބަސް ދެމުން އޭނާ ބުންޏެވެ. ދެން އޭގެ ފަހުން ޝާން ވެސް އެގޭތެރެއަށް ވަދެގަތް ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.
"ތިން މީހުން އެކީގައި ހ. ފުންވިލުގެއަށް ދިޔައީ. ހުމާމް އެގައަށް ވަތްތާ ގާތްގަނަޑަކަށް ފަސް ވަރަކަށް މިނެޓްތެރޭ އެ މީހާ [ޑރ. އަފްރާޝީމް]އެގެއަށް ވަނީ. ދެން ޝާން ވަނީ،" ހެކިބަސް ދިން މީހާ ބުންޏެވެ.
ހެކިބަސް ދެމުން އެމީހާ ބުނީ އެ ދެ މީހުން އެގޭތެރެއަށް ވަތް ފަހުން މީހަކު އެގޭ [ސިޑިކައިރީ] މީހަކު ވެއްޓިފައި އޮއްވާ އޭނާ އަށް ފެނުނު ކަމަށާއި އެއީ ޑރ. އަފްރާޝީމް ކަން އެނގުނީ މާފަހުން ކަމަށެވެ. ވެއްޓިފައި އޮތްއިރު ޑރ. އަފްރާޝީމްގެ ކަރު ކައިރިން ލޭ އަންނަ މުން ދިޔަ ކަމަށާއި އެވަގުތު ލޭ ހޭކިފައި އޮތް ވަޅިއެއް ޝާންގެ އަތުގައި އަދި ލޭ ހޭކިފައި އޮތް ކަތިވަޅިއެއް ހުމާމް އަތުގައި އޮތް ކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ބުންޏެވެ.
އެމީހާ ބުނީ އޭގެފަހުން ޝާންއާ ދިމާވުމުން "ހުމާމް ގެންގޮސްފި" ކަމަށާއި ބަލައިގެން އުޅުމަށް އޭނާގާތު ޝާން ބުނި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ ވަކީލު ހަސީން ވެސް ވަނީ ހެކިބަސް ދިން މީހާއާ ސުވާލުކޮށްފަ އެވެ.
ހުމާމްއާ ޝާން ކުރާ ކަންތަކުގައި ކިހާ މިންވަރަކަށް ބައިވެރިވަންތޯ ހަސީން ކުރި ސުވާލުގެ ޖަވާބުގައި ހެކިބަސް ދިން މީހާ ބުނީ އެމީހުން ކުރާ ކަންތަކުގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ.
އެ މީހާގެ އިތުރުން ދެން ހެކިބަސް ނަގާފައި ވަނީ ޑރ. އަފްރާޝީމް ބެއްލެވި ޑޮކްޓަރުގެ ހެކިބަހެވެ.
ޑޮކްޓަރު ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޑރ. އަފްރާޝީމް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ބޮލުގެ ފުއްކިބައިގެ ވާތް ފަޅީގައި ބައި އިންޗީގެ ޒަޚަމެއް ހުރި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ ދިފާއީ ވަކީލު ހަސީން ވިދާޅުވީ އޭނާއޭ ކިއައިގެން ބައެއް މީޑިއާތަކުގައި ދޮގު ޚަބަރު ފަތުރަމުން ގެންދާ ކަމަށެވެ.
މާތްﷲ ގަންދީ ހުވާ ކުރެއްވުމަށް ފަހު ހަސީން ބުނީ ދައުވާ އަށް އިންކާރު ކުރުމަށް ހުމާމް ކައިރީ އޭނާ ބުނެފައި ނުވާނެ ކަމަށާއި އޭނާ ހުމާމް ކައިރީ ބުނެފައި ވަނީ ނުކުރާ ކަމަކަށް ވަންޏާ އިއުތިރާފު ނުވުމަށް ކަމަށެވެ.