ފުލުހުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ހަމަލާތަކަކީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ބިރު ދެއްކުމުގެ ގޮތުން ދެމުން ގެންދާ ހަމަލާތަކެއް ކަމުގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.

ރޭ ފަތިހު މާލޭ ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން ގެންދިޔަ ފުލުހުންގެ ކޮންސްޓްބަލް މިސްބާހު އަބްދުﷲގެ ގައިގައި ސައިކަލަކުން ޖައްސައި ހިނގި ހާދިސާގައި އޭނާ ނިޔާވެފައިވާތީ އެކަން ކުށްވެރިކޮށް އެ ކޮމިޝަނުން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އަދި އެ ހާދިސާ ހިނގި ގޮތް ތަހުގީގުކޮށް އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ދޭން ޖެހޭ އަދަބުދިނުމަށް ވެސް އެކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

"ފުލުހުންނަށް ދެމުން ގެންދާ ނުރައްކާތެރި ހަމަލާތައް ގިނަވެފައިވީ ނަމަވެސް، ފަސްނުޖެހި ކެރިގެން ފުލުހުންގެ ވާޖިބު އަދާކުރުން މަތީ ގައުމުގެ ހިދުމަތުގައި ދެބި ތިބި އެންމެހާ ފުލުހުންގެ ހިދުމަތުގެ އަގު މި ކޮމިޝުން ވަޒަންކުރާ ހާލު، މި ހަމަލާތަކަކީ އަމަން އަމާންކަން ބެލެހެއްޓުމަށް ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކޮށްފައިވާ ވާޖިބު އަދާކުރުމަށް ފުލުުހުންނަށް ހުރަސްއެޅުމަށާއި ބިރުދެއްކުމަށް ދެމުންގެންދާ ހަމަލާތަކެއްގެ ކަމުގައި މިކޮމިޝަނުން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމަށާއި ފުލުހުންނަށް ބިރު ދެއްކުމުގެ ގޮތުން ކުރާ މިފަދަ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލައިގެން ނޫނީ ފުލުހުންނަށް ގާނޫނު އަސާސީން ލާޒިމުކުރާ ވާޖިބު އަދާކުރުމަކީ ނާދިރު ކަމެއް ކަމުގައި ދެކޭ ކަމަށާއި އެފަދަ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

ރޭގެ އެ ހާދިސާގައި މިސްބާހުގެ ގައިގައި ސައިކަލުން ޖެއްސުމުގެ ސަަބަބުން އޭނާ ވަނީ 80 ފޫޓަށް ވިއްސައިގެން އޭނާ ކަނދުރާ އާއި ފައި ބިނދިފަ އެވެ. އަދި އެ ހާދިސާ އަށް ފަހު ހޮސްޕިޓަށް ގެންދިޔަތާ ދެތިން ގަޑިއިރުގެ ތެރޭގައި މިސްބާހު ވަނީ ނިޔާވެފަ އެވެ.

އެ ހާދިސާގައި މިސްބާހުގެ ގައިގައި ޖެއްސި ސައިކަލް ދުއްވި މީހާ އަށް ވެސް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން ވަނީ ފަރުވާދީފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.