01 Jun 2013, 15:17
ތައިލެންޑްގެ ބޮޑުވަޒީރުގެ ޔިންގްލަކް ޝިނަވަޓްރާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ދައުވަތަކަށް ބޮޑުވަޒީރު ރާއްޖެ ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އެ ކަމަނާ މާލެވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ވަހީދެވެ.
ރައީސް މުހައްމަދު ވަހީދުގެ ދައުވަތަކަށް ތައިލެންޑްގެ ބޮޑުވަޒީރު މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު ރައީސްއާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަ ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބައްދަލުކޮށްލެއްވުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކަކުން ހަތް އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑްގެ ބޮޑުވަޒީރު، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅާބެހޭ މައުލޫމާތު ދެއްވުން ވެސް އޮންނާނެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ސްރީލަންކާގެ ދަ ނޭޝަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ތައިލެންޑްގެ ކޮމާސް މިނިސްޓަރު ބޫންސޮން ޓެރިޔަޕިރަމް ވިދާޅުވީ އެ ދަތުރުފުޅުގައި އާ މާކެޓްތައް ހޯދުމަށް ތައިލެންޑުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެއާއި ސްރީލަންކާއާ އެކު ކުރާ ވިޔަފާރި އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތައިލެންޑްގެ ޓްރޭޑް ނެގޯޝިއޭޝަންސް ޑިޕާޓްމެންޓް އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސްރީލަންކާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތައިލެންޑާ އެކު ހަތަރު ވަނަ އަށް އެންމެ ގިނަ ވިޔަފާރި ކުރާ ގައުމެވެ. އަދި ރާއްޖެއަކީ 10 ވަނައަށް އެންމެ ގިނަ ވިޔަފާރިކުރާ ގައުމެވެ.