01 Jun 2013, 14:37
ކުޑަކުދިންގެ ހިޔާ އަށް އަދާލަތު ޕާޓީން 40،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
ސަން އޮންލައިން އަށް މަުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ މީޑިޢާ ކޮމެޓީގެ ރައީސް އަބްދުﷲ ހުމައިދު ވިދާޅުވީ އަދާލަތު ޕާޓީގެ ފަރާތުން ކުޑަކުދިންގެ ހިޔާ އަށް 100،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އިއްޔެ ކުޑކުދިންގެ ހިޔާގައި ބޭއްވި ރަސްމީއްޔާތެއްގައި އޭގެ ތެރއިން އެއްބައި ހަވާލުކޮށްފައިވާ ކަމަށް ހުމައިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަނީ ކުޑަކުދިންގެ ހިޔާ އަށް 100،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރަން ނިންމާފައި. އޭގެ ތެރެއިން 40،000 ރުފިޔާގެ ތަކެތި އިއްޔެ ވާނީ ހަވާލުކޮށްފައި. އެކަމަށް ޓަކައި ކުޑަކުދިންގެ ހިޔާގައި ބޭއްވުނު ރަސްމީއްޔާތެއްގައި." ހުމައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ ކުޑަކުދިންގެ ހިޔާ އަށް ހަދިޔާކޮށްފައި ވާނީ އެ ކުދިންނަށް ބޭނުންވާ ޒަރޫރީ ބައެއް ތަކެތި ކަމަށެވެ. އެގޮތުން ބެޑްޝީޓާއި ބާލީހާއި އަދި ވެސް އެފަދަ ބައެއް ސާމާނު ހަދިޔާކޮށްފައި ވާނެ ކަމަށް ހުމައިދު ވިދާޅުވި އެވެ.
ޢަދާލަތު ޕާޓީގެ ފަރާތުން ކުޑަކުދިންގެ ހިޔާ އަށް ހަދިޔާ ކުރަން ނިންމާފައިވާ ތަކެތީގެ ތެރެއިން ބާކީ 60،000 ރުފިޔާ ހަދިޔާ ކުރާނީ ވައުޗާ ތަކެއްގެ ގޮތުގައި ކަމަށް ހުމައިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް ތަނުގައި ވެސް އެފަދަ ތަކެތި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުމައިދު އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގެ ފަރާތުން ކޮންމެ މަހަކު ކުޑަކުދިންގެ ހިޔާގައި އޯޕީޑީ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސެޝަންތަކުގައި އަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ. މައުރޫފު ހުސެން އާއި އަދި އެހެން ޑޮކްޓަރުން ބައިވެރިވާށެ ކަމަށެވެ.