01 Jun 2013, 13:32
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގައި ވިންގްސް ސާވިސަސްއިން ހިންގަމުން ގެންދިޔަ ޑިޕާޗާ ރެސްޓޯރަންޓާއި މަރިޔާދު ކެފޭ ހުސްކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނޯޓިސް ފޮނުވުމުން، އެ ދެތަން ހުސްކުރުމަށްފަހު ރޭ ހަވާލުކޮށްފި އެވެ.
އެއާޕޯޓުގައި ދެ ރެސްޓޯރަންޓް ހިންގި ވިންގް ސާވިސަސްގެ އެއް ޑިރެކްޓަރު އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އެ ދެތަން ހުސްކުރީ މުއްދަތު އިތުރުކޮށްދޭން އެއާޕޯޓްސް ކޮމްޕެނީގައި އެދުމުން އެކަން ނުކޮށްދިނުމުން ކަމަށެވެ.
"ޑިޕާޗާ ރެސްޓޯރަންޓް ހުރި ތަނުގައި ބާގާ ކިންގް ހުޅުވުމަށް ޖީއެމްއާރު އެއާޕޯޓް ހިންގިއިރު ވަނީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައި. އަޅުގަނޑުމެންނާއެކު ކޮށްފައިވާ އެގްރިމަންޓްގެ މުއްދަތު ހަމަވުމުން އެ މީހުން އެތަން ބިޑްނުކޮށް ހަވާލުކުރީ މައިނާ އިންޓަނޭޝަނަލްއާ. އޭގެ ފަހުން ދެ ފަހަރަކު މުއްދަތު އިތުރުކޮށްދިން ތިން މަސްދުވަހަށް،" އޭނާ ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ޖީއެމްއާރުން އެންމެފަހުން އިތުރުކޮށްދިން ތިން މަސްހަމަވުމުން އެމްއޭސީއެލް އެއާޕޯޓް ހިންގަން ފެށުމުން އެ މުއްދަތު އިތުރުކޮށްދޭން އެދުނު ކަމަށެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް ނުދީ މެއި 8ގައި ހުސްކުރުމަށްފަހު ތަން ހަވާލުކުރަން ނޯޓިސް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުނިން އެ ތަންތަން ބިޑްކުރަން. އެއީ އަޅުގަނޑުމެންނަށް ވެސް ފްރެންޗައިސް ބަޔަކު ގެނެސް އެކަންކުރެވިދާނެތީ އެދުނީ. ނަމަވެސް އެއާޕޯޓްސް ކޮމްޕެނީން ބޭނުންވީ ޖީއެމްއާރުން ހަވާލުކުރި މައިނާ އިންޓަނޭޝަނަލްގެ އެއްބަސްވުމާ އެއްގޮތަށް ކުރިޔަށް ގެންދަން. އަދި އަޅުގަނޑުމެންގެ އަތުން އެޑްވާންސަށް ކުލި ނަގާފައި އޮތުމުން ފަހުން ނިންމީ މެއި މަސް ނިމެންދެން ތިބެވޭ ގޮތަށް،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރިޔާދު ހިންގި ތަން ބަންދުކުރުމަށްފަހު އެއާޕޯޓްސް ކޮމްޕެނީން ނިންމާފައި ވަނީ މައިނާ އިންޓަނޭޝަނަލްއާ ގުޅިގެން ކުރިން މޫވްއެން ޕިކް ހުރި ތަނުގައި ބާގާ ކިންގް އާއި ތައި އެކްސްޕްރެސް އަދި ކޮފީ ކްލަބް ހުޅުވަން ކަމަށެވެ.
"އެތަނުގައި ފަސް ތަނެއް ހުޅުވަން އޮތީ ނިންމާފައި. ދާދިފަހުން އެތަނުގައި ސްވެންސެންސްގެ އައިސްކްރީމް ވިއްކާތަނެއް ވަނީ ހުޅުވާފައި. އަދި އެތަންތަނުން ދޭ ހިދުމަތުގެ އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ އެބަކުރޭ. އަޅުގަނޑުމެން ހިންގިއިރު ޝަރުތުކޮށްފައި އޮތް ދިވެހިންނަށް ތަކެތި ވިއްކަން ވާނީ މާލެއާ އެއް ރޭޓެއްގައި ކަމަށް. ނަމަވެސް މިހާރު އެ ފުރުސަތު ވެސް ދިވެހިންނަށް އެ ގެއްލުނީ،" ނައީމް ވިދާޅުވި އެވެ.
އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓުގައި ހިންގި ޑިޕާޗާ ރެސްޓޯރަންޓާއި މަރިޔާދު ކެފޭ ބަންދުކުރަން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ތަން ބަންދުކުރުމަށްފަހު ހަވާލުކުރި ކަމެއް އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޕާޗާ ހުރި ތަން އަލުން ތަރައްގީކުރުމަށްފަހު ހުޅުވަން ނިންމާފައި އޮތީ. ތިރީގައި ވެސް ހަމަ އެގޮތަށް އާ ތަންތަން ހުޅުވާ ގޮތަށް ހަމަޖެހިފައި އޮތީ،" އެ އޮފިޝަލް ވިދާޅުވި އެވެ.