މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތައިލެންޑްގެ ޑިފެންސް މިނިސްޓަރު އެއާ ޗީފް މާޝަލް ސްކުމްޕޮލް ސުވަނަޓަޓް އެމްއެންޑީއެފް މިލިޓްރީ ހޮސްޕިޓަލް ސެނަހިޔާއަށާއި ގިރިފުށީ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ވަކިވަކިން މިއަދު ހެނދުނު ކުރެއްވި އެ ދެ ޒިޔާރަތުގައި ފުރަތަމަ ވަޑައިގެންފައި ވަނީ، އެމްއެންޑީއެފް ސެނަހިޔާ ހޮސްޕިޓަލަށް ކަމަށެވެ.

ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ސެނެހިޔާ އަށް ކުރެއްވި އެ ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ބައްލަވާލައްވައިފަ އެވެ. އަދި ސެނަހިޔާ ހޮސްޕިޓަލުގެ ބައިތައް ވަކިވަކިން ބައްލަވާލައްވާ އެ ހޮސްޕިޓަލުގައި އޮންނަ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ސޮއިކުރައްވާ ކަމަށެވެ. އަދި މިޒިޔާރަތުގައި ސެނަހިޔާ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް މޮމެންޓޯއެއް އަރުވާފަ އެވެ.

ސެނަހިޔާ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތަށް ފަހު ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ވަޑައިގެންނެވީ، ކ. ގިރިފުށީގައި ޤާއިމްކޮށްފައިވާ، ގިރިފުށީ ޓްރޭނިންގް ސެންޓަރަށެވެ.

ގިރިފުށްޓަށް ކުރެއްވި އެ ޒިޔާރަތުގައި ގިރިފުށީ ޓްރޭނިންގް ސެންޓަރުން ވަނީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކާއި ކޯސްޓްގާޑްގެ ތަމްރީންތަކާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅާދީފަ އެވެ. މީގެ އިތުރުން މެރިންކޯ އިން ތައްޔާރުކޮށްފައިވާ ޑެމޮންސްޓްރޭޝަންއަކާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއިން ތައްޔާރުކޮށްފައިވާ ޑެމޮންސްޓްރޭޝަންއެއް ވެސްްް ވަނީ ހުށަހަޅާދީފަ އެވެ. މި ޑެމޮންސްޓްރޭޝަންތަކަށް ފަހު އެމަނިކުފާނު ވަނީ ގިރިފުށީ ޓްރެއިނިންގް ސެންޓަރު ބައްލަވާލައްވާފަ އެވެ.