01 Jun 2013, 12:36
މާލޭގެ ދެ ނަމްބަރު ކުނިކޮށި ފުރި މާލެ ތެރޭގައި "ވަސް ނުބައި" ވެފައިވާތާ ހަފްތާއެއް ފަހުން ކުނިކޮށި ހުސްކޮށް، އެތަން މަރާމާތަށް ބަންދުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) "ސަން"އަށް ވިދާޅުވީ ކުނިކޮށީގައި ހުރި ކުނިތައް އެއްކޮށް ނަގައި ރޭ އެތަން މުޅިން ހުސްކޮށްލާފައިވާ ކަަމަށާއި އެތަން ހުޅުވާނީ މަރާމާތު ކުރުމަށް ފަހުގައި ކަމަށެވެ. ކުނިކޮށި މަރާމާތަށް ބަންދުކުރި ނަމަވެސް ދުވަހުން ދުވަހަށް އުކާލާ ކުނިތައް އެޅުމަށް މިހާރު ވެސް ކުނިގޮނޑާ ދިމާލު ފަޅުތެރޭގައި ބާއްވާފައި އޮންނަ ދޯނިތައް ބޭނުން ކުރުމުން ގެންދާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ކުނިކޮށި އަލުން ބޭނުން ކުރާނީ އެތަނުގައި މިހާރު އޮތް ތަޅުމުގެ ބަދަލުގައި ރަނގަޅު ތަޅުމެއް އަޅައި ކުނިގަނޑުގެ ތެރެއަށް ފެން ނޭޅޭނެ ގޮތެއް ހަދައި ފެން ހިންދޭނެ ނިޒާމެއް ގާއިމްކުރުމަށްފަހު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރުކުމާ ވިދާޅުވި އެވެ.
"އެތަނުގައި މިހާރު އޮތީ ވަރަށް ކުރިން އާޅާފައި އޮތް ތަޅުންގަނޑެއް، އެތަޅުންގަނޑު އޮތީ ހަލާކުވެ އެހެންވެ އެތަނުގައި ކޮންކްރީޓް ތަޅުމެއް އަޅައި އެތަނަށް ވިއްސާރަ ވެހުނަސް ކުނިގަނޑަށް ވިއްސާރަ ނޭޅޭނެ ގޮތެއް ހަދާފައި، އެހެން ނޫނިއްޔާމުން ވިއްސާރަ ދުވަސްކޮޅު ކުނީގެ އަސަރު އާއްމުކޮށް ވެސް ކުރާނެ، މިހާރު އެތަނަށް ކުނި އެޅުމުން މާލޭގެ ފެން ފަށަލަ ދަނީ ތަގައްޔަރު ވަމުން،" ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ކުނިކޮށި މަރާމާތްކޮށް ނިންމާލެވޭނީ އެކަމަށް ބޭނުންވާ ބަޖެޓް ލިބުމުން ކަމަށާއި އެތަން މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ ތަޅުން އަޅައި މުޅިތަނުގެ މަރާމާތަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮއްޖެހިފައިވާ ދެ ނަމްބަރު ކުނި ހުސްކޮށްފައި މިވަނީ ފިނޭންސް މިނިސްޓްރީން އެ ކައުންސިލަށް 4.5 މިލިއަން ރުފިޔާ ދިންތާ ހަފުތާއެއްގެ ތެރޭގަ އެވެ.