ރޭ ފަތިހު ޑިއުޓީގައި ހުއްޓައި ސައިކަލަކުން ޖެއްސުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި ފުލުސް މީހާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ނިންމައިފި އެވެ.

ރޭ ފަތިހު ބޮޑުތަކުރުފާނު މަގުން ރަސްމީ ފާލަންކައިރީ ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް، ސައިކަލުން ޖެއްސުމުގެ ސަބަބުން އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ނިޔާވި ބ. ހިތާދޫ، ނަސީމީވިލާ، ކޮންސްޓެބަލް މިސްބާހު އަބްދުﷲ 22، މޫނު ދެއްކުން އޮންނާނީ މިއަދު ހަވީރު 4:00 ގައި އިސްލާމީ މަރުކަޒުގަ އެވެ. އަދި މިސްބާހު ވަޅުލާނީ ރަސްމީ އިއްޒަތުގައި މަޣުރިބް ނަމާދަށްފަހު ގަލޮޅު ސަހަރާގަ އެވެ.

ފުލުހުން ބުނެފައި ވަނީ މިސްބާހު ގައިގައި ސައިކަލުން ޖެއްސި މީހަކީ ތަކުރާރުކޮށް ފުލުހުންގެ ގައިގައި ސައިކަލުން ޖައްސައި މާރާމާރީ ހިންގާފައިވާ މީހެއް ކަމަށެވެ. އަދި ސައިކަލު ދުއްވި ފަހަތުގައި އިން މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަހަރުގެ ކުރީކޮޅު ހައްޔަރުކުރި މީހެއް ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ޖަހައިގެން ރޭ ފަތިހު ވެހިކަލްތައް ޗެކްކުރަމުން ދަނިކޮށް، އެތަނުގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެއްސުމުން ފުލުސް މީހާ 80 ވަރަށް ފޫޓު ދުރުގައި ވިއްސައިގެން ދިޔަ އެވެ. އަދި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމުން ސައިކަލްގައި ތިބި ދެ މީހުން ވެސް ވިއްސައިގެން ގޮސް އެ ތަނުގައި ހުރި ދިދަ ދަނޑިއެއްގައި ޖެހި އެ ދެ މީހުންނަށް ވެސް އަނިޔާވި އެވެ. ނަމަވެސް އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.