ދިރާގުގެ އެކްސް ކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި އެލް މޯބައިލް ހަމަޖައްސައި ފޯން ބިލަށް ފައިސާ ދެއްކޭނެ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.


މިއަދު ހަވީރު އޮތް އެ ރަސްމިއްޔާތުގައި އެ ފިހާރަ ހުޅުވައި ދެއްވީ ދިރާގުގެ ސީއީއޯ އިސްމާޢިލް ރަޝީދެވެ. ސޯސަންމަގުގައި ހުންނަ އެ ފިހާރަ އިން މިހާރު ހަމައެކަނި ބިލަށް ފައިސާ ދެއްކޭ ގޮތަށް އޮތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ދިރާގުގެ އެހެން ފިހާރަތަކުން ލިބޭ ޚިދުމަތްތައް އެ ފިހާރައިން ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.


އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢިލް ރަޝީދު ވިދާޅުވީ އާބާދީ ބޮޑު ހިސާބެއްގައި ދިރާގުގެ ބައިވެރިވުމެއް އޮންނަ ފިހާރައެއް ހުޅުވޭ ކަމީ އެހިސާބުގަނޑުގައި ދިރިއުޅޭ ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ. ސީއީއޯ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ފިހާރަތަކެއް ހުޅުވުމުގެ ބޭނުމަކީ ގިނަ ބަޔަކަށް ގާތުން އެފަދަ ޚިދުމަތްތަކެއް ދިނުން ކަމަށެވެ.


އޭނާ ވިދާޅުވީ މިއަދު ހުޅުވި ފިހާރައިން މިހާރު ހަމައެކަނި ބިލަށް ފައިސާ ދެއްކޭ ގޮތަށް އޮތް ނަމަވެސް ކުރިއަށް އޮތް ތާންގައި އެ ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.


އެލް މޯބައިލްގެ ފިހާރައިން ލިބޭ ޚިދުމަތްތަކަކީ ހަމަ ދިރާގުގެ ފިހާރަތަކުން ލިބޭ ޚިދުމަތްތަކާ އެއްފެންވަރުގެ ރަނގަޅު ޚިދުމަތްތަކަކަށް ވާނެ ކަމަށާއި އެއީ އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކޮށްފައި ވާނީ ދިރާގުގެ ކަސްޓަމާ ސްޓޭންޑަޑާ އެއްގޮތަށް ކަމަށް ވާތީ އެއްވެސް ތާފާތެއް ނުވާނެ ކަމަށެވެ.  


އެލް މޯބައިލްގެ ފަރާތުން ބުނީ ދިރާގުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުރަމުންގެންދާ މަސައްކަތަށްވުރެ ވެސް ރަނގަޅު ފެންވަރެއްގައި ކަސްޓަމަރުންނަށް ޚިދުމަތްދެވޭތޯ ބަލަމުންގެންދާނެ ކަމަށެވެ.


ދިރާގުން ބުނީ އެލް މޯބައިލަށް އެ ފުރުސަތު ލިބުނީ މީގެ ނުވަމަހެއްހާ ދުވަސް ކުރިން މާލޭގެ ހަތަރު އަވަށުގައި އެފަދަ ފިހާރަތަކެއް ހުޅުވުމަށް ކުރި އިއުލާނަކާ ގުޅިގެން ބިޑް ކަމިޔާބު ކޮށްގެން ކަމަށެވެ. ދިރާގުން މިއަދު ހުޅުވި ބިލް ޕޭ ފިހާރަ އާ އެކު ޕާޓްނަޝިޕްގެ ދަށުން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 18 ފިހާރައެއް ވަނީ ހުޅުވައިފަ އެވެ.