01 Jun 2013, 12:06
އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި އިއްޔެ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މާލެ ގެނެސްފި އެވެ.
އިއްޔެ ހަވީރު 5:23ގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއް އަނިޔާވެފައި ވަނީ ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތް ކުރާ ހިތަދޫ، ޕްރިޓީވިލާ، އުމުރުން 58 އަހަރުގެ ހަސަން އަހުމަދު (ހަސަން މަނިކާ) އެވެ. އޭނާ އަށް ފަރުވާދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ހަސަން މަނިކާ މާލެ ފޮނުވާލި އިރު ވެސް އޭނާގެ ހާލު "ކްރިޓިކަލް" ކަމަށާއި އޭރު ވެސް މީހާ އޮތީ ރަނގަޅަށް ހޭނާރާ ދެބަދޭތެރޭ ކަމަށެވެ.
ރޭ ދަންވަރުގެ ފްލައިޓުން ހަސަން މަނިކާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. ނަމަވެސް ހަސަން މަނިކާގެ މިހާރުގެ ހާލަތު އައިޖީއެމްއެޗުން އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.
އިއްޔެ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ހަސަން މަނިކާގެ ބޯފަޅައިގެން ގޮސް ކަންފަތުން ވެސް ލޭ އައިސް އޭނާގެ މޭމަތީ ކަށިތަކުގެ ތެރެއިން ކަނާތްފަރާތުން ހަ ކަށިގަނޑު އަދި ވާތް ފަރާތުގެ ތިން ކަށި ގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް ހިތަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ފައިގެ ކުޑަ ހުޅު ބިންދައިގެން ގޮސްފައިވާ އިރު އަތުލެ ކަށި އިނގިލި ޗަސް ވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކުސިޑެންޓް ހިންގި އިރު އަނެއް ސައިކަލް ދުއްވަން އިން މީހާ އަށް މާބޮޑު އަނިޔާއެއްވެފައެއްނުވެ އެވެ.