01 Jun 2013, 11:32
މޮރިޝަސްގެ ޕޯޓް ލުއިސްގައި މިހާރު ކުރިއަށްގެންދާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ކޮންގްރެސްގައި އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ މެންބަރަކަށް އަންހެނަކު ފުރަތަމަ ފަހަރަށް ހޮވައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެކްސްކޯއިން ފުރިހަމަ ދައުރަކަށް ޖާގަ ހޯދި ތާރީހީ ފުރަތަމަ އަންހެ މެންބަރުގެ ޝަރަފު ހޯދާފައި ވަނީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ބްރުންޑީގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް، ލީޑިއާ އެންސެކޭރާ އެވެ.
ހަތަރު އަހަރު ދުވަހުގެ ދައުރަކަށް އެކްސްކޯގެ މެންބަރަކަށް ސެކޭރާ އައްޔަން ކުރެވުނު އިރު، އޭނާއާއެކު އިތުރު ދެ އަންހެނަކު ވެސް ވަނީ ވަގުތީ މެންބަރުންގެ ގޮތުގައި އަހަރު ދުވަހުގެ މުއްދަތަށް އެކްސްކޯއަށް އައްޔަން ކޮށްފަ އެވެ. އެއީ އޮސްޓްރޭލިޔާގެ މޯޔާ ޑޯޑް އާއި ޓާކްސް އެންޑް ކައިކޯސް އައިލެންޑްސްގެ ސޯނިއާ ބިއެން އައިމީ އެވެ.
ހަންގޭރީގެ ބުދަ ޕެސްޓްގައި މިދިޔަ އަހަރު ބޭއްވި ފީފާ ކޮންގްރެސްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ އެކްސްކޯ މެންބަރެއްގެ ގޮތުގައި އައްޔަން ކުރި ފުރަތަމަ އަންހެން މެންބަރަކީ ވެސް ލީޑިއާ އެންސެކެރާ އެވެ.
ފީފާގެ އެކްސްކޯގައި 24 މެންބަރުން ތިބޭއިރު މީގެ ކުރިން އެކްސްކޯ މެންބަރަކަށް އަންހެނަކަށް ޖާގަ ލިބިފައި ނުވާއިރު ވަގުތީ މެންބަރުކަން ވެސް އަންހެނަކަށް ދީފައި ވަނީ ހުސްވި އަހަރު އެވެ.
"ހުސްވި އަހަރު އަންހެން އެއް މެންބަރަކު ވަގުތީ ގޮތުން އެކްސްކޯގައި ހިމެނުނު. އަދި މިފަހަރު މި އޮތީ ރަސްމީކޮށް ފުރިހަމަ ދައުރަކަށް އަންހެން މެންބަރަކާއި އަދި އިތުރު ވަގުތީ ދެ އަންހެން މެންބަރުން އެކްސްކޯއަށް ހޮވާފައި. މިހާ ހިސާބައް އައުމަށް އަހަރެމެންނަށް 109 އަހަރު ނަގައިފި،" ފީފާގައި ދެ ޖިންސުގެ ހަމަހަމަކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރައްވައްވަމުން ގެންދަވާ އެ ޖަމިއްޔާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވި އެވެ.