ރޭ ފަތިހު ޑިއުޓީ އަށް ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކީ ތަކުރާރުކޮށް ފުލުހުންގެ ގައިގައި ސައިކަލުން ޖައްސައި މާރާމާރީ ހިންގާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ފަތިހު ބޮޑުތަކުރުފާނު މަގުން ރަސްމީ ފާލަންކައިރީ ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް، ސައިކަލުން ޖެއްސުމުގެ ސަބަބުން އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައި ވަނީ ބ. ހިތާދޫ، ނަސީމީވިލާ، ކޮންސްޓެބަލް މިސްބާހު އަބްދުﷲ 22، އެވެ.

ފުލުސް އޮފިސަރުގެ ގައިގައި ސައިކަލު ޖެއްސިއިރު، އެ ސައިކަލުގައި ދެ މީހުން ތިއްބެވެ. އެ ދެ މީހުންގެ ތެރެއިން އެކަކުގެ ވަނަވަރެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ ސައިކަލް ދުއްވަން އިނީ ށ.ފޯކައިދޫ، އަރާމްގެ، ހުސައިން އަފީފު 27، ކަމަށެވެ. އަދި އޭނާއަކީ އާންމުކޮށް ފުލުހުންގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ޓްރެފިކް ގަވާއިދާ ހިލާފުވި މީހާގެ ކުށުގެ ރެކޯޑުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ޝަބްނަމްމަގުން ވަން ވޭއާ ދެކޮޅަށް ސައިކަލް ދުވާފައި ގޮސް، އެތަނުގައި ތިބި ފުލުހުންގެ ގައިގައި ސައިކަލުން ޖައްސައި މާރާމާރީ ހިންގާފައިވެ އެވެ.

ފުލުސް މީހާ ގައިގައި ޖެއްސި ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ މީހަކީ މި އަހަރު ޖެނުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދުން ވީއްލާފައިވާ މީހެކެވެ.

ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) ޖަހައިގެން ރޭ ފަތިހު ވެހިކަލްތައް ޗެކްކުރަމުން ދަނިކޮށް، އެތަނުގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެއްސުމުން ފުލުސް މީހާ 80 ވަރަށް ފޫޓު ދުރުގައި ވިއްސައިގެން ދިޔަ އެވެ. އަދި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމުން ސައިކަލްގައި ތިބި ދެ މީހުން ވެސް ވިއްސައިގެން ގޮސް އެ ތަނުގައި ހުރި ދިދަ ދަނޑިއެއްގައި ޖެހި އެ ދެ މީހުންނަށް ވެސް އަނިޔާވި އެވެ. ނަމަވެސް އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ނިޔާވި ފުލުސް ކޮންސްޓެބަލް މިސްބާހު އަބްދުﷲގެ މޫނުދެއްކުން މިއަދު ހަވީރު 4:00 ޖަހާއިރު އިސްލާމީ މަރުކަޒުގައި ދެއްކުން އޮންނާނެ ކަމަށެވެ. އަދި މިސްބާހު ވަޅުލާނީ މިރޭގެ މައުރިބު ނަމާދަށްފަހު ގަލޮޅު ސަހަރާގަ އެވެ.