ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ކޮލަމްބިއަން ސްޓްރައިކަރ ރަޑެމަލް ފަލްކާއޯ ގާތްގަނޑަކަށް 50 މިލިޔަން ޕައުންޑުގެ އަގުބޮޑު ޓްރާންސްފާ ފީއަކަށް ފްރާންސްގެ އޭއެސް މޮނާކޯއާ ގުޅިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިވަޕްލޭޓް، ޕޯޓޯ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ މިހާރު އުމުރުން 27 އަހަރުގެ ފަލްކާއޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ޗެލްސީއާއި މެންޗެސްޓާ ސިޓީއިން ވެސް އޭނާ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސީޒަންގައި ފަލްކާއޯ ވަނީ، އެތުލެޓިކޯ މެޑްރިޑަށް އޭނާ ކުޅުނު 46 ލީގު މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

މޮނާކޯގެ މިހާރުގެ ވެރިޔާ، ރަޝިޔާގެ ބިލިޔަނަރެއް ކަމަށްވާ ޑްމިތީ ރައިބަލޮފްލެފް ބުނީ ފަލްކާއޯއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ މޮނާކޯއަށް ގެއްލިފައިވާ ޝަރަފް ހޯދައިދޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޗެލްސީގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނެއިރީގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ފްރާންސުގެ ދެވަނަ ޑިވިޝަނުން ފުރާންސް ލީގަށް އަލުން އެނބުރިއައި މޮނާކޯއިންވަނީ އެ ކުލަބު ކުރިން ހޯދާފައިވާ ކާމިޔާބުތައް އަލުން ތަކުރާރުކޮށް ޔޫރަޕުގެ ފުޓްބޯޅައިގެ ބޮޑު ބާރަކަށް ވުމަށްޓަކައި މަޝްހޫރު އެހެން ކުޅުންތެރިންވެސް ކުލަބަށް ހޯދާފައެވެ. އެގޮތުން އެކުލަބުން ވަނީ 60 މިލިޔަން ޕައުންޑަށް ޕޯޗުގީޒުގެ ޕޯޓޯގެ މިޑްފީލްޑަރު ޖޮއައޯ މޮޓިންހޯ، 26، އާއި ޖޭމްސް ރޮޑްރިގޭޒް، 21، އަދި ފްރީ ޓްރާންސްފާ އެއްގެ ދަށުން ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޕޯޗުގީޒުގެ ރިކާޑޯ ކަވާލިއޯވެސް ވަނީ އެ ކުލަބަށް ގެންގޮސްފައެވެ.

ފަލްކާއޯގެ ޓްރާންސްފާ ފީގެ އަސްލު އަގު އެ ކުލަބުން މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު އެ ކުލަބްގެ ވައިސް ޕްރެޒިޑެންޓް ޖީން ލުއިސް ކަމްޕޫރާ ބުނެފައިވަނީ، އެކުލަބުން މައްސަލައެއް އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުން ދާތީ އެއްބަވުމުގައިވާ މައުލޫމާތުތައް މިވަގުތު ހާމަކުރަން ކުލަބުން ބޭނުން ނުވާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި އެމައުލޫމާތު މީޑިޔާއަށް ހާމަ ކުރާނޭ ކަމަށެވެ.